Last Updated: December 30, 20:36
Monday, December 30, 2024
ކުޅިވަރު

ޕޮގްބާގެ އަދަބު ލުއިކޮށް ދީފި

މަނާ ބޭހަށް ޕޮޒިޓިވްވުމާ ގުޅިގެން ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ ހަތަރު އަހަރަށް ފުޓްބޯޅަ އިން ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް ބަދަލު ގެނެސް، އޭނާގެ އަދަބު 18 މަސް ދުވަހަށް ކުޑަކޮށްފި އެވެ.

ޕޮގްބާ ،31، މަނާ ބޭހަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އިޓާލިއަން ލީގުގައި އުދިނޭސީ އަތުން ޔުވެންޓަސް މޮޅުވި މެޗަށްފަހު ހެދި ޓެސްޓުތަކުންނެވެ. އެ މެޗުގައި ޕޮގްބާ ކުޅެފައި ނުވާއިރު އޭނާ ޕޮޒިޓިވް ވެފައިވަނީ ޓެސްޓޮސްޓެރޯން ނަމަކަށް ކިޔާ ބޭހަކަށެވެ.

އެއާއެކު އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ޕޮގްބާ ހަތަރު އަހަރަށް ފުޓްބޯޅަ އިން ސަސްޕެންޑް ކުރިއިރު، ޕޮގްބާގެ ފަރާތުން ވަނީ އެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އެޕީލްކޮށްފަ އެވެ. އެގޮތުން ސީއޭއެސްގައި އެޕީލްކުރި މައްސަލަ ކާމިޔާބުވެ ޕޮގްބާގެ އަދަބު މިހާރު ވަނީ 18 މަސް ދުވަހަށް ކުޑަކޮށްދީ އެވެ.

ސީއޭއެސްގެ މި ނިންމުމާއެކު އަންނަ އަހަރުގެ ޖެނުއަރީގައި ޕޮގްބާ އަށް ފަރިތަކުރުންތަކުގައި ބައިވެރިވެވެން ފެށޭނެ އެވެ. ނަމަވެސް ޕޮގްބާ އަށް ރަސްމީކޮށް އެނބުރި ފުޓްބޯޅައިގެ ތެރެއަށް އާދެވޭނީ އަންނަ އަހަރުގެ މާޗު މަހުން ފެށިގެންނެވެ.

ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޖުލައިގައި ކަމަށްވާއިރު އަނިޔާގެ ގިނަ މައްސަލަތަކެއްގެ ސަބަބުން އޭނާ އަށް އެ ކްލަބަށް މާގިނަ މެޗުތަކެއް ކުޅެދެވިފައެއް ނުވެ އެވެ. އަނިޔާގެ ސަބަބުން އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ވެސް ޕޮގްބާ ކުޅެފައެއް ނުވެ އެވެ.