އިންޑިއާގެ ޓްރެވެލް ޕްލެޓްފޯމެއް ކަމަށްވާ އީޒްމައިޓްރިޕުން އަލުން ރާއްޖެ އަށް ބުކިންސް ހަދައި ދޭން ފަށައިފި އެވެ.
އެތަނުން އެކަން މި އަހަރުގެ ކުރީކޮޅު ހުއްޓައިލީ އިންޑިއާ އާއި ރާއްޖޭގައި ޖެހުނު ކުންޏާ ގުޅިގެންނެވެ. އެއީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުގައި ތިއްބެވި ބަޔަކު އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސޯޝަލް މީޑިއާގައި ކުޑައިމީސްކޮށް ފުރައްސާރަކުރުމާ ގުޅިގެންނެވެ.
އީޒްމައިޓްރިޕްގެ ބާނީ އަދި ސީއީއޯ ނިޝާންތު ޕިއްޓީ އެކްސްގެ ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިހާރު ރަނގަޅުވެފައިވާތީ ރާއްޖެ އަށް ޗުއްޓީ އަށް ދާން ބޭނުންވާ ޓޫރިސްޓުންނަށް ކުރިއެކޭ އެެއްގޮތަށް އީޒްމައިޓްރިޕުން ބުކިންސް ހަދައި ދޭން ފަށާފައިވާ ކަމަށެވެ.
ނިޝާންތު ވިދާޅުވީ މި ގޮތަށް ނިންމީ ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ މީހުންގެ އޮފީހަށް ވެސް ޒިޔާރަތް ކުރައްވައި ކުރެއްވި މަޝްވަރާތަކަކާ ވެސް ގުޅިގެންނެވެ.
Basis positive developments in mending India-Maldives bilateral ties, by both governments, we are resuming bookings to the Maldives. This decision comes after careful consideration and follows a constructive dialogue with the Ministry of Tourism of Maldives delegation during… https://t.co/YjlDfoTIAW
— Nishant Pitti (@nishantpitti) October 4, 2024
އިންޑިއާ އަށް ސަރުކާރުގެ ބަޔަކު ފުރައްސާކުރި މައްސަލައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން އިންޑިއާގައި ކެމްޕޭންތަކެއް ވެސް ކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގެ ބަދަލުގައި އިންޑިއާގެ މީހުން ޗުއްޓީ އަށް ދާން ލަކްޝަދީޕަކީ މާ ހިތްގައިމު ތަނެއް ކަމަށް ބުނެ އެތަން ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކެއް ވެސް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވެސް ހިންގާފައިވެ އެވެ.
ދެ ގައުމުގެ މެދުގައި ޖެހުނު ކުންފުންޏާ ގުޅިގެން އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުން ވަރަށް ބޮޑަށް މަދުވި އެވެ. ހާއްސަކޮށް އެ ގައުމުގެ ފިލްމީ ތަރިން އައުން އެއްކޮށް ކަހަލަ ގޮތަކަށް އައުން ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މިހާރު އިންޑިއާގެ ތަރިން ވެސް ރާއްޖެ އަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އިންޑިއާ މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިއްމު މާކެޓަކަށްވާތޫ ޓޫރިސްޓުން އިތުރު ކުރަން ދާދި ފަހުން އިންޑިއާގެ ބައެއް ސިޓީތަކުގައި ރޯޑްޝޯތަކެއް ވެސް ބާއްވާފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ އިންޑިއާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ މި މަހުގެ މި މަހުގެ 6-10 އަށް ކުރައްވާ ދަތުރެކެވެ.