ބޮލީވުޑްގެ މަގުބޫލު "ތަނޫ ވެޑްސް މަނޫ" ފްރެންޗައިޒްގެ ތިން ވަނައިގައި ބަތަލާ ކަންގަނާ ރަނާވަތުގެ ތިން ރޯލު ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑައިރެކްޓަރު އާނަންދު އެލް ރާއީގެ މި ފިލްމާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ބުނީ ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން "ތަނޫ ވެޑްސް މަނޫ 3" ގެ ސްކްރީންޕްލޭ ވެސް ލިޔުނީ ކުރީގެ ދެ ބައި ވެސް ލިޔުނު ހިމާންޝޫ ޝަރުމާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
އެ ނޫހުން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ޖުލައި/އޮގަސްޓް ހިސާބުގަ އެވެ. އަދި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ 2026 ގަ އެވެ.
"ތަނޫ ވެޑްސް މަނޫ 3" ގެ މަސައްކަތް ފެށުމުގެ ކުރިން މިދިޔަ އަހަރު އިއުލާންކުރި ފިލްމު "ތެރެ އިޝްގް މޭ" މަސައްކަތް ނިންމާނެ އެވެ. މީގެ ބަތަލަކީ ތަމަޅަ އެކްޓަރު ދަނޫޝް އެވެ. އޭނަ ކުރިން ވެސް ދަނޫޝްއާ އެކީ ފިލްމުތަކެއް ހެދިޮ އެވެ. އެއީ "އަތުރަންގީ ރޭ" އާއި "ރާންޖަނާ" އެވެ.
"ތަނޫ ވެޑްސް މަނޫ 3" ގައި ކަންގަނާ ތިން ރޯލު ކެރެކްޓާ ހަމަޖެހިފައިވާ އިރު އޭނަ އަށް ދެވަމަ ފަހަރަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނީ ޑަބަލް ރޯލެއް ކުޅުނު 2015 ގެ "ތަނޫ ވެޑްސް މަނޫ ރިޓާންސް" އިންނެވެ. މީގެ ފުރަތަމަ ބައި "ތަނޫ ވެޑްސް މަނޫ" ގެނެސްދިނީ 2011 ގަ އެވެ.
އެ ދެ ފިލްމުގައި ވެސް ބަތަލުގެ ރޯލު ކުޅުނީ އާރް މާދުވަން އެވެ.
މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި ވެރިކަން ކުރާ ބީޖޭޕީގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ޑައިރެކްޓްކޮށް، ކުޅުނު "އިމަޖެންސީ" އެވެ. އެ ފިލްމު ސެންސަރު ބޯޑުން ފަސްކޮށް ނުދީގެން ރިލީޒް ކުރެވޭނެ އިރެއް އަދި އޮތީ ވާނުވާގަ އެވެ.