Last Updated: November 25, 22:26
Monday, November 25, 2024

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް "ހެލޯ ފްރޮމް މޯލްޑިވްސް" ލިޔެފައި އޭނަ މިއަދު ފޭސްބުކްގައި ޕޯސްޓްކުރި ނަމަވެސް އެ ޕޯސްޓުން ސޯނަމް ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ. އެކަމަކު އޭނަ ޗުއްޓީ އަށް ރާއްޖެ އައީ ފިރިމީހާ އާނަންދު އަހޫޖާ އާއި ދަރިފުޅު ވަޔޫއާ އެކީ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ސޯނަމަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ތިން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.

ދެހާސް އަށާރައިގައި އާނަންދާ ކައިވެނިކޮށް، ފިލްމީ މަސައްކަތްތަކާ ވެސް ވަރަށް ބޮޑަށް ދުރުގައ އުޅޭ ސޯނަމް މިހާރު އާންމުކޮށް ދިރިއުޅެނީ ފިރިމީހާއާ އެކީ ލަންޑަންގަ އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބްލައިންޑް" އެވެ. ސޯނަމް ބޮލީވުޑަށް ނުކުތީ ރަންބީރް ކަޕޫރާ އެކީ ޑައިރެކްތަރު ސަންލޭ ލީލާ ބަންސާލީގެ 2007 ގެ "ސާވަރިއާ" އިންނެވެ.