ރާއްޖެއަށް އެހީވާން އިންޑިއާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ވަނީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ފުރާވަޑައިގެންފަ އެވެ.
އެ ދަތުރުފުޅުގެ ކުރިން ރައީސް ބީބީސީއަށް ދެއްވި އީމެއިލް އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއަށް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާ ކަަމަށެވެ.
"ރާއްޖެއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދީ، ހައްލު ހޯދައިދޭން އަބަދުވެސް އިންޑިއާ އޮންނާނީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިން އާއި މޫޑީސް އިން ދާދިފަހުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ ބޭރުގެ ދަރަނި ނުދެއްކޭނެ ފަދަ ހާލަތެއް ނެތް ކަމަށާއި އަދި ރާއްޖެއިން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ހައްލު ހޯދަން އަމިއްލަ ސިޔާސަތުތަކެއް އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ރައީސާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އެ ޤައުމުގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ރައިސްކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް އިންޑިއާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މޯދީ ވެރިކަމުގެ ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އެ ގައުމަށް ވަޑައިގެންނެވި އެވެ.