Last Updated: November 25, 10:11
Monday, November 25, 2024
ޚަބަރު

ރައީސް މުއިއްޒު ދިއްލީ އަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން އިންޑިއާ އަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އިންޑިއާ ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކުންނެވެ. ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ ބޮޑު ވަޒީރާއި، އަދި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ އެވެ.

ރައީސް މުޢިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފަ އެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާ ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިންޑިއާއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.