އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ށ. ކަފަކޮމަންޑޫ ތަރައްޤީކުރުމަށް ހެނބަދޫ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިި ހިމެނޭ ކަފަކޮމަންޑޫ، އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ދިގު މުއްދަތަކަށް އެ ރަށް ކުއްޔަށް ދިނުމަށްޓަކައި ރަށުގެ ލޭންޑް ޔޫޒް ޕްލޭން ހަދައި ދޭނެ ބަޔަކު ހޯދަން ވެސް މިހާރު ވަނީ ބީލަމަށް ހުޅުވާލައިފަ އެެވެ.
ބީލަން ހުށަހަޅަން ޖެހެނީ މި މަހުގެ 17 ގަ އެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ކައުންސިލްގައި އޮންނާނެ އެވެ.
ހެނބަދޫ ކައުންސިލުން ބުނީ ކޮމަންޑޫ އިންޓަގަރޭޓް ޓޫރިޒަމަށް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި އިރު، މިހާރު ވެސް ބޭރުގެ ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެ ރަށް ކުއްޔަށް ދޫކުރާނީ މަދުވެގެން 50 އަހަރަށެވެ. އަދި އެ ރަށުން ލިބޭ އާމްދަނީއާއެކު ކައުންސިލުން ދައުލަތުން ދޭ ގްރާންޓާއި އެއްވަރުގެ އަދަދެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވެސް ހެނބަދޫ ކައުންސިލުން ބުންޏެވެ. އަދި މިކަމުން ލިބޭ އާމްދަނީ ރަށުގެ ތަރައްގީގެ އެކި ކަންކަމަށް ބޭނުން ކުރާނެ އެވެ.