Last Updated: April 19, 11:54
Saturday, April 19, 2025
ޚަބަރު

ސްޓެލްކޯގެ އީވީ ޗާޖިން ސްޓޭޝަންގެ މަސައްކަތް ކުރިއަށް

ސްޓެލްކޯއިން މާލޭގައި ގާއިމްކުރާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ އެކުންފުނީން މާލޭގައި ގާއިމްކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ޗާޖިން ސްޓޭޝަންގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

މި މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު، ތިމާވެށްޓާ ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

މި އީވީ ސްޓޭޝަންގެ ގާއިމްކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިންޖީނު ގެ ހުންނަ ކޮށީގައި އެވެ.

ފަހުމީ މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ ކޮންމެ ތިން ކާރަކަށް އެއް ޗާޖިން ސްޓޭޝަން އިންސްޓޯލްކޮށްގެން ކޮރެއާގައި އޮތްފަދަ މޮޑެލްއަކަށް ރާއްޖެ ގެންދިއުމެވެ. މިއީ އިލެކްޓްރިކް ވެހިކަލްތައް ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް އެހީތެރިވެދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.