Last Updated: November 25, 10:32
Monday, November 25, 2024
ޚަބަރު

މި ސަރުކާރުން އަންހެނުންނަށް ފުރުސަތުތައް ހަނިކޮށްފި

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް

މި ސަރުކާރުން އަންހެނުންނަށް ލިބެމުން އައި ފުރުސަތުތައް ހަނިކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ އިޖުތިމާއީ، އިގްތިޞާދީ އަދި ސިޔާސީ ގޮތުން ވެސް އަންހެނުން ބާރުވެރި ކުރުވުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވަނިކޮށް، ޕީއެންސީގެ މި ސަރުކާރު އައުމާއެކު މި ހުރިހާ ރޮނގަކުން އަންހެނުންނަށް ލިބެމުން އައި ފުރުސަތުތައް ހަނިކޮށްފައިވާ ކަމަށެވެ.

އަދި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައި، މުޖުތަމައުގެ ހުރިހާ ދައިރާއެއްގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވެވޭނެކަން ކަށަވަރުކޮށްދިނުމަށް މިދިޔަ ފަސް އަހަރު ކުރި މަސައްކަތް ވެސް ހުއްޓިފައި ވާކަމަށް އެމްޑީޕީން ބުންޏެވެ.

ޔޫއެންޑީޕީއާ ގުޅިގެން މިދިޔަ ސަރުކާރުން އެކުލަވައިލި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގައި މިއަހަރު ކުރަން ހުރި މަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފުސީލު ހާމަކުރުން މި ސަރުކާރުން ހުއްޓާލައިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެމްޑީޕީން ވަނީ ފާޅުކޮށްފަ އެވެ.

"އަންހެނުންގެ ތަރައްގީއަށް އިތުރު މަސައްކަތެއް ނުކޮށްދެވުނު ހާލު، މިއަދު މިޕާޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި މިވަނީ މި ސަރުކާރުން އަންހެނުންނަށް ކުރާ ފުރައްސާރަ އިތުރުވަމުންދާ މައްސަލައެވެ. ޚާއްސަކޮށް ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެނުންނަށް މި ސަރުކާރު ވަނީ ބިރަކަށް ވެފައެވެ،" އެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީން ބުނީ އެތައް ޒަމާނެއްވަންދެން ސިވިލް ސާވިސްގައި މަސައްކަތްކޮށްފައި ތިބި ތައުލީމީ، ތަޖުރިބާކާރު އަދި ފަންނީ މުވައްޒަފުންނަށް ސިޔާސީ ބޭނުމަށްޓަކައި ވަޒީފާގެ ބިރު ދައްކައި ނަފުސާނީގޮތުން ގެއްލުންދީ، އެމީހުންގެ ހައްގުތަކަށް މި ސަރުކާރުން އަރައިގަންނަމުންދާ މައްސަލަ ކުށްވެރިކުރާ ކަމަށެވެ.

މީގެއިތުރުން އެމްޑީޕީ ސަރުކާރުން އުފެއްދި "ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް" މިނިސްޓްރީގެ ނަމުން "ޖެންޑާ" ވަކިކޮށް މި ސަރުކާރުން އުފައްދާފައިވާ "މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް" ވެފައިވަނީ އަންހެން މުވައްޒަފުންނަށް އެންމެ އަނިޔާވެރި މިނިސްޓްރީއަށް ކަމަށްވެސް ބުނެފައިވެ އެވެ.

"އަންހެނުން ރައްކާތެރިކަން ހޯދުމަށް ދާނެ ތަނެއް މިސަރުކާރުގައި އޮތްކަމާ މެދު މިއަދު އަންހެނުން އެދަނީ ސުވާލު އުފައްދަމުން،" އެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީން ވަނީ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އަންހެނުންނަށް ކުޑައިމީސްވާގޮތަށް މަޖިލީސް ތަޅުމުގައި ތަކުރާރުކޮށް ވާހަކަދައްކަމުންދާއިރު ސަރުކާރުން މިކަމުގައި ހަނުހުރުމަކީ ސަރުކާރުން މިފަދަ ކަންކަމުގައި ދެކޭގޮތް ވަރަށް ސާފުކޮށް ހާމަކޮށްދޭ ކަމެއް ކަމަށްވެސް ބުނެފަ އެވެ.