އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ދުވަސްވީ މީހަކު ކުރި ލޮލުގެ އޮޕަރޭޝަނެއްގައި އިހުމާލުވެފައިވާ ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ މީހާގެގެ ދަރިޔަކު އެ ވާހަކަ ފޭސްބުކްގައި ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީ އާއި އެޗްއާރްސީއެމާއި ފުލުހުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް ޓެގްކޮށް ދެ ޕޯސްޓެއްގައި ވަރަށް ތަފުސީލުކޮށް ހިއްސާފައިވެ އެވެ. އެގޮތުން އެ މީހާގެ ކަނާތުގެ ލޮލުގެ އޮޕަރޭޝަން ކުރީ އޭއީއެޗްގެ ބިދޭސީ އަންހެން ޑޮކްޓަރެއްގެ އިރުޝާދާއި ލަފާގެ ދަށުން ކަމަށް ބުނެފައިވެ އެވެ.
އާއިލާ އިން ބުނީ އެންމެ ފުރަތަމަ ބައްޕަގެ ލޯ ދެއްކީ ހޮސްޕިޓަލްގެ ބިދޭސ ފިރިހެން ޑޮކްޓަރަކަށް ކަމަށާއި ނަމަވެސް ދެވަނަ ދުވަހު އޭނަ ނެތުމުން ބައްޕަގެ ފަރުވާއާ ހަވާލުވީ އަންހެން ޑޮކްޓަރެއް ކަމަށެވެ.
އަދި އޭނަގެ ބެލުުގެ ދަށުން ކުރި ބައްޕަގެ ކަނާތު ލޮލުގެ އޮޕަރޭޝަނަށް ފަހު ބައްޕަ ވަރަށް ބޮޑަށް ރުއި ކަމަށާއި ލޮލުން ލޭ އައިސް ލޮލަށް ވަރަށް ބޮޑަށް ތަދުވާތީ އެކަމުގެ ޝަކުވާ ކުރަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ. އެކަމާ ގުޅިގެން އޮޕަރޭޝަން ކުރި ޑޮކްޓަރޔުގެ ފަރާތުންނާއި އެކަމުގައި އުޅުނު ނަރުހުންގެ ފަރާތުން ވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް އާއިލާ އިން ބުންޏެވެ. އަދި އެ ޑޮކްޓަރުންނަކީ އެކަށީގެންވާ ފެންވަރުގެ ޑޮކްޓަރުން ނޫން ކަމަށް ވެސް އާއިލާ އިން ބުނެފައިވެ އެވެ.
އާއިލާ އިން ބުނީ އެ ދެ ޑޮކްޓަރުންގެ ފަރުވާ ކުޑަކަމުންނާއި އިހުމާލުގެ ސަބަބުން ބައްޕަގެ ލޮލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފަހުން ބައްޕަ މާލެ ގެންގޮސް އައިކެއާ ހޮސްޕިޓަލަށް ދެއްކުމުން އޮޕަރޭޝަން ކުރި ތަން ރަނގަޅަށް ފަހާނުވާ ކަމަށާއި ރަނގަޅަށް ސާފު ވެސް ކޮށްފައި ނުވާ ކަމަށް އެތަނުން ބުނި ކަމަށް އާއިލާ އިން ބުންޏެވެ. އަދި އޮޕަރޭޝަން ވަރަށް ފަރުވާ ކުޑަކޮށްކޮށްފައިވާތީ ލޮލުގެ ކަޅި އަށް ވެސް ގެއްލުންތަކެއްވުމުގެ އިތުރުން ލޮލަށް ލިބިފައި ހުރި ޒަހަމްތަކުން ލޮލުގެ އެތެރެއަށް އެތިކޮޅުތައް ފެތުރިގައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
އެހެންވެ އާއިލާ އިން ވަނީ އޭއީއެޗުންވި އިހުމާލު ތަހުގީގުކޮށް ދިނުމަށާއި އޮޕަރޭޝަނަށް ފަހު ކަންތައްތައް ދިމާ ގޮތް އާއިލާ އަށް ހޮސްޕުިޓަލުން ޖަވާބުދާރީވުމަށް ވެސް އެދިފަ އެވެ.