Last Updated: November 23, 13:24
Saturday, November 23, 2024
ޚަބަރު

ޑަބްލިއުއެޗްއޯގެ ބައްދަލުވުމެއްގައި ރާއްޖޭގެ ވަފުދެއް

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ފަށައިފި އެވެ.

މިއަދުން ފެސިގެން މި މަހުގެ 9 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ހެލްު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ.

ޑަބްލިއުއެޗްއޯގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 11 ޤައުމުގެ ހެލްތު މިނިސްޓަރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭ ގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާ ގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަނަންސް' ބައްދަލުވުމެކެވެ.

​މި އަހަރުގެ ރީޖަނަލް ކޮމެޓީގައި، މި ސަރަޙައްދުގެ ޤައުމުތަކުގެ ފުރާވަރު އުމުރުގެ ކުދިންނަށް ދެވޭ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް މާދަމާ ކުރިއަށް ގެންދާނެ އެވެ. އަދި މިކަމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރުމަށްޓަކައި "މިނިސްޓަރިއަލް ޑެކްލަރޭޝަން އޮން އެޑޮލޮސެންޓް: ރެސްޕޮންސިވް ހެލްތު ސިސްޓަމް" ގެ ނަމުގައި ގަރާރެއް ފާސްކުރާނެ އެވެ.​

އަދި މިސަރަޙައްދަށް ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭ ގޮތުން ބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައިވެ އެވެ. އެގޮތުން މި ސަރަހައްދުގެ ހެލްތު އިމަޖެންސީ ފަންޑު ފުޅާކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުންނާއި، 2024-2025 އަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާއި، ސަސްޓެއިނަބްލް ފިނޭންސިން އަދި 14 ވަނަ "ޖެނެރަލް ޕްރޮގްރާމް އޮފް ވާކް (ޖީޕީޑަބްލިޔު 14) އާ ގުޅޭ މަޝްވަރާތައް ވެސް ކުރެވޭނެ އެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯ އިން ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީ އާއި ޕްރޮގްރާމް ބަޖެޓާއި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދު ވެސް ބައްދަލުވުމުގައި މަޝްވަރާކުރެވި މި ސަރަހައްދުގެ ޤައުމުތަކުން މިބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅޭނެ އެވެ.

​މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައ ރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ރޭވިފައިވެ އެވެ.