މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއައަށް ކުރިމަތިވެފައިވާ ވުޖޫދީ ނުރައްކަލެއް ކަމަށް ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއި ވަޒީރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޒުވާނުން ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާ "ޔޫތު ޓްރެކް ޓު ކޮޕް29 މޮކް ކޮޕް 2024" ފެށުމުގެ ރަސްމިއްޔާތުގައި ތާރިގު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވުޖޫދީ ނުރައްކަލެއް ކަމަށާއި އަދި ދުނިޔޭގެ ވައިގެ ތެރެއަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ މިންވަރު ކުޑަކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ކުޑަ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
ޒުވާނުންނާ މުޚާޠަބުކުރައްވަމުން ވަޒީރު ވަނީ ޒުވާނުންގެ ޢަމަލުތަކުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ކަންކަން ރަނގަޅުކުރުމުގެ ބާރު ޒުވާނުންގެ އަތްމަތީގައި އޮތް ކަމަށާއިއައު ކަންކަން ފެށުމަށް ފަސްނުޖެހުމަށާއި، އަމިއްލަ ނަފްސަށްވުރެ ފުޅާކޮށް ވިސްނުމަށާއި، އަބަދުވެސް އުނގެނުމަށް ތައްޔާރަށް ތިބުމަށް އިލްތިމާސްކުރެއްވި އެވެ.
މި މޮކް ކޮޕްގައި މަޝްވަރާކުރެވޭ މައުޟޫތަކުން ޒުވާނުންގެ ޢިލްމު އިތުރުވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކުރާ ބަޔަކަށް ވުމަށާއި، ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަސައްކަތްކުރާ ލީޑަރުންނަށް ވުމަށް ހިތްވަރު ލިބިގެންދާނެކަމުގެ އުންމީދު ފާޅުކުރެއްވި އެވެ.
މި ތިން ދުވަހުގެ ޙަރަކާތުގެ ތެރެއިން ޤައުމީ ޒުވާނުންގެ ބަޔާނެއް އެކުލަވާލެވޭނެ އެވެ. މި ބަޔާނަކީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް29 އަށް ރާއްޖެއިން ދާ ވަފުދާއެކު ގެންދެވޭނެ ބަޔާނެކެވެ.