ރާއްޖެއާއި އިންޑިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި އެވެ.
ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން މި ވާހަކަތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
ރައީސް އޮފީހުން ބުނީ މި ވާހަކަތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރަން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށެވެ. ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އިތުރުން އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ތަފާތު އެކި ދާއިރާތަކުން މުހިއްމު ގިނަ އެއްބަސްވުންތަކެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި އިއްޔެ އިންޑިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސްގެ ރަސްމީ ދައުވަތަކަށެވެ.
އިންޑިއާއަށް ރައީސް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.