ސައިބަ ކްރައިމާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ކަމަށް ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރައޫފުއްދީން ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ ސައިބަ ކްރައިމް ހުއްޓުވުމަށް ގާނޫނީ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ޖެހިފައި ހުރި ކަމަށެވެ. އޭގެ ތެރޭގައި ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލުތަކެއްގެ ތެރެއަށް ސައިބަ ކްރައިމް މައްސަލަތައް އިތުރުކޮށް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތައް ގެނައުމަށް ވެސް ހުށަހަޅާފައިވާ ކަމަށް ރައޫފުއްދީން ވިދާޅުވިއެވެ.
މީގެ އިތުރުން އިންޓަނެޓްގެ ހިދުމަތްދޭ ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން މައުލޫމާތު ހޯދުމާއި، ރާއްޖެއިން ބޭރުން މައުލޫމާތު ހޯދުމާއި، އެވިޑެންސް ކަލެކްޓުކުރުން ކަހަލަ އެތައް ކަމެއްގައި ފުލުހުންނަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ބިލުގައި ހިމަނާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
ދެން އޮންނާނީ ގާނޫނަށް ގެންނަ ބަދަލުތަކެއް. އެ ބަދަލުގެ ތެރެއިން، ރާއްޖެއިން ބޭރުގެ ސާވިސް ޕްރޮވައިޑަރތަކުން، އަޅުގަނޑުމެންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކުގެ އެވިޑެންސް [ރާއްޖޭން ބޭރުގެ ސަރވިސް ޕްރޮވައިޑަރުންގެ ފަރާތުން] ހޯދޭނެ މަގުތަކެއް ފަހިވެގެން ދާނެ." ރައޫފުއްދީން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ސައިިބަ ކްރައިމްގެ ދެ ވައްތަރެއް އުޅޭ ކަމަށެވެ.
"އެއް ވައްތަރަކީ ސައިބަ އެނޭބަލްޑް ކްރައިމެވެ މިކަހަލަ ކްރައިމްތަކުގައި ކޮމްޕިއުޓަރު މި ބޭނުން ކުރަނީ. މިހާރު ކުށްވެރިން ވެސް ޓެކްނޮލޮޖީ ބޭނުންކުރޭ. އާންމު ދިރިއުޅުމުގައި ވެސް ޓެކްނޮލޮޖީ ބޭނުންކުރީމަ ފަސޭހަވާނެ،" ރައޫފުއްދީން ވިދާޅުވި އެވެ. "ހަމަ އެގޮތަށް މި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މި ކްރައިމްތައް ހިންގާ ފަރާތްތަކުން އައު އީޖާދުތަކެއް ހޯދާނެ. އެކި ގޮތްގޮތަށް މި ކުށްތަކަށް އަރައިގަނޭ."
މިހާރު ރާއްޖޭގެ ސައިބަ ކްރައިމްގެ ހާލަތު އޮތް ގޮތުން، އެންމެ މަހެއްގައި ކޮށްލާ މަސައްކަތުން އެކަމަށް އެކަށީގެންވާ ގޮތެއްގައި ހޭލުންތެރި ނުކުރެވޭނެ ކަމަށާއި އަދި މިފަދަ ކުށްތައް ހުއްޓުވުމަށް ފަރުދީ ގޮތުންނާއި ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.
މިހާރު ގިނަވެގެން މިއުޅެނީ ސައިބަ ސެކިއުރިޓީ ހިމެނޭ ސައިބަ ކްރައިމްތައް. މިފަދަ ކުށްތައް މި ހިންގަނީ ހަގީގަތުގައި ސައިބަ ސެކިއުރިޓިއަށް ހޭލުންތެރި ނުވީމަ. ޑިވައިސްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި އަދި ރައްކާތެރިގޮތުގައި ބޭނުން ނުކުރެވޭތީ،" ރައޫފުއްދީން ވިދާޅުވި އެވެ. "ސައިބަ ސްޕޭސްގެ ތެރެއިން އަޅުގަނޑުމެން ވަރަށް ބައިވަރު ކަންކަން އެބަކުރަން. މުނިފޫހިފިލުވުމާއި، ފައިސާގެ މުއާމަލާތްތަކާ އަދި ތައުލީމު ހާސިލުކުރުންފަދަ އެތައް ކަމެއް އެބަހިމެނޭ."
ނަމަވެސް އެ ތަކެތި ރައްކާތެރިގޮތުގައި ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށް ވަނީ ކޮންމެވެސް ހިސާބަކުން ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ކަމަށް ރައޫފުއްދީން ވިދާޅުވި އެވެ.