ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރެވޭ ގޮތް ހެދުމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އިންޑިއާއާއެކު ވިޔަފާރި ކުރުމުގައި ލުއިތަކެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހުގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރުފޭ ކާޑުގެ ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުކުރެވޭ މާލީ މުއާމަލާތްތައް ފަސޭހަކުރެވި، ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތަކުން އިންޑިޔާއެކު ވިޔަފާރި ކުރުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
"މިއަދު ރާއްޖެއަށް ތައާރަފުކުރެވުނު ރުޕޭ ކާޑުގެ ހިދުމަތަކީ ޒަމާނީ ފައިސާގެ ނިޒާމުތަކާއި، ފޭމަންޓް ވޮލެޓްތައް އަދި އާ ޑިޖިޓަލް ފައިނޭންސް ސިސްޓަމްތައް ދިވެހި ރާއްޖެއަށް ގެނައުމާއި ތައާރަފުކުރުމަށް ރައީސް. ޑރ. މުއިއްޒި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރުޕޭ ކާޑު ތައާރަފުކުރުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެ އެވެ. ރުޕޭއަކީ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.