Last Updated: December 24, 05:53
Tuesday, December 24, 2024
ޚަބަރު

ބައްސާމްގެ އެޕާޓްމެންޓްތައް މާދަމާ ރޭގެ ނިޔަލަށް ހަވާލުކުރަންޖެހޭނެ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް - އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓްތައް މާދަމާރޭ 12ގެ ކުރިން ހަވާލުކުރަން އަންގައިފި އެވެ.

ފުލުހުން އިއްޔެ ވަނީ ހާލަތަށް ރިޔާއަތް ކުރުމަށްފަހު ކަމަށް ބުނެ އެޕާޓްމެންޓްތައް ހަވާލުކުރުމުގެ މުއްދަތު މި މަހުގެ 31 ގެ ނިޔަލަށް ބައްސާމަށް އިތުރުކޮށްދީފަ އެވެ.

ނަމަވެސް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބަލަންޖެހޭ ކަންތައް ބެލުމަށް ފަހު ބައްސާމު އެދުނު ގޮތަށް އެޕާޓުމެންޓް ހަވާލުކުރުން ލަސްކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާ ރޭ 12އާ ހަމައަށް އެޕާޓްމެންޓް ހަވާލު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެފްއޭއެމްގެ ފައިސާ އިން ބައްސާމް އަމީން އެވެނިއު އިން އެޕާޓްމެންޓް ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.

އެ މައްސަލައިގައި ބައްސާމާ އެކު އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި ކުރިން އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

މި މީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ހިޔާނާތުގެ ކުށާއި، އޮޅުވާލުމުގެ ކުށް އަދި މަނީ ލޯންޑަރިންގެ ކުށެވެ.