Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ވެރިކަމަށް އަންނަން ހެދީ ހުސްދޮގު، ޖަވާބުދާރީކުރުވަންޖެހޭ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

މި ސަރުކާރުގެ ވެރިން ވެރިކަމަށް އަންނަން ވެގެން ހެދި ދޮގުތަކަށް އެބޭފުޅުން ޖަވާބުދާރީކުރުވަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބު ތެރޭ ދެއްކި ވާހަކަތަކަކީ ރައްޔިތުން ބިރުގަންނުވަން ދެއްކި ވާހަކަތަކެއްކަން ހާމަވަމުންދާ ކަމަށެވެ. އެގޮތުން އިންޑިއާއެކު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމާއެކު ކުރިއަށްދާން ސަރުކާރުން ނިންމުމާއި، އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރުމުގެ މަސައްކަތާއި އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުުރުމުގެ މަސައްކަތް މި ސަރުކާރުން ވެސް ކުރިއަށް ގެންދަން ނިންމާފައިވާކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.

ސިޔާސީ ފައިދާއަކަށްޓަކާ ކުރި ކަންތައްތަކުގެ ސަބަބުން ގައުމަށް އިގްތިސާދީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގުވެއްޓި، އޭގެ ހުރިހާ ބުރައަކާއި ކުރިމަތިލާން ޖެހިފައިވަނީ ރައްޔިތުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މި ސަރުކާރުގެ ވެރިން، ވެރިކަމަށް އަންނަން ވެގެން ހެދި ދޮގުތަކުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުމަށް، އެ ބޭފުޅުން ޖަވާބުދާރީކުރުވަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ފުރަމާނަ ދަތުރުފުޅެއްގައި ހުންނެވީ އަވަށްޓެރި އިންޑިއާގަ އެވެ.

އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މިއަދު ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި އެގައުމާއެކު ތަފާތު އެކި ދާއިރާތަކުން މުހިއްމު ގިނަ އެއްބަސްވުންތަކެއް ސޮއިކޮށްފަ އެވެ.

މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.