ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ބޭނުން ކުރަމުން އަންނަ ބިންތަކުން ކުއްލި ނަގަން ކައުންސިލުން ނިންމައި، ކުލީގެ ގޮތުގައި ބިންތަކުން އަކަފޫޓަަކަށް 1ރ. ނަގަން ކައުންސިލުން ފާސްކޮށްފި އެވެ.
މި ގޮތަށް ފާސްކޮށްފައި ވަނީ އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓް އަގު މާޗް މަހުން ފެށިގެން “ކުއްލި ގޮތަކަށް” ބޮޑު ކުރި މައްސަލާގައި ގޮތެއް ނިންމުމަށް ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ ހުށަހެޅުއްވި މައްސަލަ އާ ގުޅިގެން، ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު، ކައުންސިލްގެ 14 ވަނަ ބައްދަލުވުމުގަ އެވެ.
ފެނަކަ އަށް ދޫކޮށްފައި ހުރި ބިންތަކުން އަކަފޫޓަކަށް 1ރ. ގެ ރޭޓުން ކުލި ނަގަން ނިންމާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 42 ވަނަ މާއްދާގެ (ބ) އިން ކައުންސިލަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ފެނަކަ އަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުމުގެ އިތުރަށް އައްޑޫގައި ހުރި އިންޖީނުގެތައް ވެސް ކައުންސިލްގެ ދަށަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ކަރަންޓް އަގު ބޮޑު ކުރި މައްސަލަ އާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި ހިދުމަތުގެ ވާދަވެރިކަން އުފެއްދުމަށް އައްޑޫގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދޭނެ ދެވަނަ ފަރާތެއް ހޯދަން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމާއި އައްޑޫގެ ރައްޔިތުންނަށް ބޭރުގެ ފަރާތްތަކުން ހަދިޔާކޮށްފައިވާ އިންޖީނުގެތަކާއި، އެކިއެކި ވަސީލަތްތައް ކައުންސިލަށް ލިބިގަތުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން ހިމެނެއެވެ.
ކަރަންޓަކީ ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ އަސާސީ ހިދުމަތަކަށް ވާތީ، ހިދުމަތުން އެއްވެސް ފަރާތެއް މަހުރޫމް ކުރުމަކީ ގަބޫލް ކުރެވޭނެ ކަމަކަށް ނުވާތީ ޝަރުއީ މަރުހަލާގެ ތެރެއިން މަައްސަލަ އަށް ހައްލެއްް ހޯދަން ކުރަން ޖެހޭ ކަންކަން ކުރުމަށް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އައްޑޫގެ ރައްޔިތުންނަށް ކުރިން އެންގުމަކާ ނުލައި، ރައްޔިތުން ބޭނުންކޮށްފައިވާ ހިދުމަތަކުން ބޮޑު އަގުގައި ބިލް ހަދާފައިވުމަކީ ބަލަައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި ބިލްތައް ބަދަލުކޮށް، ރައްޔިތުންނަށް އޮޅުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަން ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް ވެސް ވަނީ ނިންމާފައެވެ.