ރާއްޖޭގެ ހުރިހާ ކަމަކަށް އިންޑިއާ އިން އަދިވެސް އަތްބާނާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރުކާރަކުން އިންޑިއާގެ ދާހިލީ ކަމަކަށް ނުވަތަ އިންޑިއާގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެއީ ރާއްޖޭގެ މަސްލަހަތުގައި ވެސް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އޭރުވެސް އުނދަގޫވީ ރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމުންނާއި ރާއްޖޭގެ ހުރިހާ ކަމަކަށް އިންޑިއާ އަތްފައި ބާނައި ކިލަނބު ކުރުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ދާހިލީ، ހާރިޖީ ހުރިހާ ކަމަކަށް އިންޑިއާ އަތްފައި ބާނައި އެހާ ވަރަށް މިތަން ކިލަނބު ކުރީމަ. އެކަން އަދިވެސް އެ އޮތީ އެގޮތަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މިކަމުގައި އެމަނިކުފާނުގެ ޕޮޒިޝަން އަދިވެސް ބަދަލުނުވާ ކަމަށާއި ނަމަވެސް އެހެން ސިޔާސީ ލީޑަރުންނަށް މި ވާހަކަތައް މިގޮތަށް ބުނަން ކެރިވަޑައިނުގަންނަވާއިރު، އެ ފަރާތްތައް ތިބީ ނަގޫފިތިފައި ކަމަށެވެ. އަދި އެމީހުންނަށް އެންމެ މުހިއްމީ ރާއްޖެ ނޫން ކަމަށާއި އެ ފަރާތްތަކަށް އެންމެ ފުރަތަމަ ވެސް މުހިއްމު ވަނީ އިންޑިއާގެ މަސްލަހަތު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅާއި މެދު އުފާކުރައްވާ ކަމަށާއި ނަމަވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާން ޖެހޭނީ ރާއްޖެއިން އެކަމުގައި އަގެއް ދައްކަންޖެހޭ ގޮތަކަށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.