Last Updated: November 24, 09:26
Sunday, November 24, 2024
ޚަބަރު

ޒަކާތުގެ ހައުސްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަނީ

ރާއްޖާގެ ޒަކާތުގެ ހައުސްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުނެފި އެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޝައިހް ޢިއްޒައްދީން ޢަދުނާން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ޒަކާތު ހައުސް އަކީ މިހާރު ޒަކާތާ ގުޅޭ ވަރަށް ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ތަނެއް ކަމަށެވެ. އެހެންވެ ވީހާ ވެސް ވީހާ ވެސް ފަސޭހަކޮށް އަދި އަވަހަށް ދިނުމަށްޓަކައި އެ ތަނުގެ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކުރުމާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

އިއްޒައްދީން ވިދާޅުވި ގޮތުގައި ޒަކާތު ހައުސްގެ ހިދުމަތްތަކުގެ ތެރެއިން އެންމެ އާންމުކޮށް ހުށަހަޅަނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ އަށް އެދި ކަމަށެވެ. އެހެންވެ ހިދުމަތަށް އެދޭ ފަރާތްތަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ވަންގަވްއާ ގުޅިގެން ބޭސްވަރުވާގެ އެހީއަށް ވަކިން އެދޭވޭ ގޮތަށް ހާއްސަ ޕޯޓަލެއް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޢިއްޒައްދީން ވިދާޅުވީ އެ ޕޯޓަލް މި މަހުގެ ފަހުކޮޅު ލޯންޗް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ

"މި ޕޯޓަލްގެ ތެރެއިން އެންމެ ފުރަތަމަ ގެންދެވޭނީ ބޭސްވަރުވާގެ ކަންކަން. ބޭސްފަރުވާގެ ކަންކަމުގައި ވަރަށް ކުއްލި ކޭސްތައް މި އަންނަނީ. ވަރަށް ބައިވަރު ޑޮކިއުމަންޓްތައް މެއިލްކޮށްގެން ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ،" އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް މި ސިސްޓަމްގެ ތެރެއިން އޮޓޮމެޓިކޮށް ދާނެ. އަދި ސްޓެޓަސް އަބަދުވެސް އަޕްޑޭޓް ވެގެންދާނެ."

ޢިއްޒައްދީން ވިދާޅުވީ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒަކާތުގެ ހައުސްގެ ހުރިހާ ޚިދުމަތްތަކެއް އޮޓޮމޭޓްކުރުމަށް ސޮފްޓްވާއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ޒަކާތު ހައުސްގެ ހުރިހާ ޚިދުމަތެއް، އިދާރީ ޚިދުމަތްތައް ވެސް އޮޓޮމޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ޚާއްސަކޮށް ޒަކާތް ދެއްކުން، ފިތުރު ޒަކާތް ދެއްކުން ސޮފްޓްވެއަރއެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން." އޭނަ ވިދާޅުވި އެވެ.

ޒަކާތު ހައުސް ލޯންޗްކުރީ މި އަހަރުގެ ޖެނުއަރީ 2 ގަ އެވެ. އަދި ޒަކާތު ސަރުކާރުން އުފެއްދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ގަ އެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސްގެ ބޭނުމަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮ ތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމެވެ.

ޒަކާތުގެ ހައުސްގެ މަސައްކަތް ފެށި ފަހުން ޒަކާތަށް ހޭލުންތެރިކަން އުފައްދަން ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅ ދާއިރާއެއްގައި ޕްރޮގްރާތަކެއް ވެސް އަންނަނީ ހިންގަމުންނެވެ.