މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބާއްވާ "ގެސްޓްހައުސް ސިމްޕޯޒިއަމް" އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތައްޔާރީތައް ވާން ފަށައިފި އެވެ.
ކްރޮސްރޯޑްސްގައި ބާއްވަން ހަމަޖެހިފައިވާ ސިމްޕޯޒިއަމްގައި ތިން ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ޕެނަލް ޑިސްކަޝަންތަކުގައި ކަމާ ގުޅުންހުރި ތަޖުރިބާކާރުންނާ ބައިވެރިވާނެ އެވެ.
"ގެސްޓްހައުސް ސިމްޕޯސިއަމް" ގައި ބައިވެރިވާ ޕެނެލިސްޓުން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން ގެސްޓްހައުސްގެ ތަޖުރިބާގެ އެހީގައި ހިދުމަތް ދިނުމުގެ މިންގަނޑާ ބެހޭ ޕެނަލް ޑިސްކަޝަންގައި ހިމެނޭ ޕެނަލިސްޓުންނަކީ
ޑރ. ޒަކަރިއްޔާ މޫސާ (ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ކޮންސަލްޓެންޓް) އާއި ކަރަމް އަހުމަދު (އއ. ތޮއްޑޫ ކައުންސިލް ރައީސް) ގެ އިތުރުން ހުސެއިން އަފީފް (ގްލޯބަލް ކީނޯޓް ސްޕީކާ) އެވެ.
މި ޕެނެލްގެ މޮޑަރޭޓަރަކީ ފާތިމަތު އުލާ (އެމްއައިބީގެ ޗީފް ޕީޕަލް އޮފިސާ) އެވެ.
ގެސްޓްހައުސް ވިޔަފާރިތައް މެދުވެރިކޮށް ކޮމިއުނިޓީތައް ބިނާކުރުމަށް ހާއްސަކުރާ ދެވަނަ ޕެނަލް ޑިސްކަަޝަންގެ މޮޑެރޭޓަކީ
ހުސެއިން އާލިމް ޝަކޫރު (އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސާ) އެވެ. ޕެނަލިސްޓުންނަކީ ތޮއްޔިބު މުހައްމަދު (ވިޒިޓް މޯލްޑިވްސްގެ ކުރީގެ ސީއީއޯ)، ޒުލައިހާ އިބްރާހިމް (ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޯޑު މެންބަރު)، މުހައްމަދު ވަހީދު (ކޮންސަލްޓަންޓް) އަދި އިޔާޒް ވަހީދެވެ.
މުސްތަގުބަލުގައި ކާމިޔާބީ ދެމެހެއްޓުން ޕެނެލް ޑިސްކަޝަންގެ މޮޑެރޭޓަރަކީ ފާތިމަތު އަޒްމަތު އަލީ (އެމްއައިބީގެ ޗީފް ކްރެޑިޓް އޮފިސާ) އެވެ. ޕެނަލިސްޓުންނަކީ އަލީ ޝަރީފް (ސްޕެޝަލް އެންވޯއި ފޯ ކްލައިމެޓް ޗޭންޖް)، ޑރ. އަބްދުﷲ މައުސޫމް (ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޓްރާންސް މީޑިއާގެ އެމްޑީ) އަދި ޑރ. ހުސެއިން ސަނީ އުމަރު (މޯލްޑިވްސް ހަލާލް ޓްރެވެލް އެންޑް ހަލާލް ވީކްލީގެ އެމްޑީ) އެވެ.
ގެސްޓްހައުސް ދާއިރާ އަށް ހާއްސަކޮށްގެން އެމްއައިބީން ސިމްޕޯޒިއަމެއް ބާއްވާ އިރު، ގެސްޓްހައުސް އަކީ ލޯކަލް ޓޫރިޒަމްގެ ތެރެިން ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ވިޔަފާރިއެކެވެ. އެމްއައިބީން ބުނީ ސިމްޕޯޒިއަމަކީ ވެގެންދާނީ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި ދެމެހެއްޓިނިވި ގޮތެެއްގައި ވިޔަފާރި ކުރުމަށް ހުޅުވޭނެ އިތުރު ފުރުސަތަކަށް ކަމަށެވެ.