ފެންނަމުން ދަނީ ސަރުކާރުގައި ތަޖުރިބާއެއް ނެތް މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅިގެން ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރާ އެމްޑީޕީ ވެރިކަމުގައި އޮތް އިރު ދިވެހި ސަރުކާރާ މަޝްވަރާކުރެވި އަދި ކުރިއަށް ގެންދެވުނު ބައެއް މަސައްކަތްތައް ކުރިއަށްގެންދަން ނިންމުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އެގޮތުން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ތަޢާރަފްކުރުމާއި، ހަނިމާދޫ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމުން ފާހަގަކުރުމާއި، އޭސީސީއާއި، ޖޭއެސްސީ އަދި ކުޅިވަރުގެ ދާއިރާގެ އެމްއޯޔޫތައް އާކުރުން ޝާހިދު ފާހަގަކުރެއްވި އެވެ. އަދި މިހާރުގެ ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުވުމާއި ދެކޮޅަށް އަޑުއުފުލިނަމަވެސް، އެކަން ކުރުމަށް މިދަތުރުގައި އެއްބަސްވުމުން އެކަމަށްވެސް ޝާހިދު މަރުޙަބާ ވިދާޅުވި އެވެ.
އަދި އިދިކޮޅުގައި ތިބެ އުތުރު ތިލަފަޅު ޕްރޮޖެކްޓަކީ ނުރައްކަލެއްކަމަށް ބުނި ނަމަވެސް މިއަދު ވެރިކަމުގައި ތިބެ، އުތުރު ތިލަފަޅަކީ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށް އެބޭފުޅުން ޤަބޫލުކުރެއްވުމަކީ ވެސް އުފާކުރައްވާކަމެއްކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ދޮގާއި ޙީލާތްތެރިކަމުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިނުކުރެވޭނެކަން މިހާރުގެ ސަރުކާރަށް މިހާރު އިހްސާސްވަމުންދާތަން ފެންނަކަމަށާއި، މިއަދު ފެންނަ މަންޒަރަކީ ސަރުކާރުގައި ތަޖުރިބާއެއް ނެތްކަމާއި އަދި ކަންކުރަންވީ ގޮތެއްވެސް ނޭނގުން ކަމަށެވެ. ރާއްޖޭގެ އެންމެ އެންމެ ގާތުގައި އޮތް އަދި އެންމެ އެކުވެރި އަވަށްޓެރި ގައުމާއެކު ބަދަހިކުރަމުންދާ ގުޅުން އެގޮތުގައި ސަރުކާރުން ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.