Last Updated: December 5, 06:25
Thursday, December 5, 2024
ރިޕޯޓް

އުފަން ދުވަސް ފާހަގަ ކުރުން ހުއްދަތަ؟

ކޮންމެ އަހަރަކު އެއްފަހަރު އަންނަ އުފަން ދުވަސް ފާހަގަ ކުރުމަކީ މި ފަހަކަށް އައިސް ދިވެހިންގެ އާދައެކެވެ. މިކަން މި ވަނީ މިއަދު ދިވެހިންގެ ސަޤާފަތަކަށްވެފަ އެވެ. ޙަލާލެއް ޙަރާމެއް ބެލުމެއް ނެތި، އުފަންދުވަހުގެ ފޯރި ނަގާލަނީ އިސްލާމް ދީން ޙަރާމް ކުރައްވާ ކަންތައްތަކާ އެކުގަ އެވެ.

ތިބާގެ އުފަން ދުވަހު މީހަކު ހަދިޔާއެއް ދީފި ނަމަ އޭނަ އަށް ނަސޭހަތް ދޭށެވެ. އުފަން ދުވަސް ފާހަގަކުރުމަކީ އިސްލާމް ދީނުގައި
ހުއްދަ ކަމެއް ނޫން ކަމުގައި އަންގައި ދޭށެވެ. އަދި އުފަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެއްވެސް ޙަރަކާތެއްގައި ބައިވެރި ނުވާށެވެ.

އުފަން ދުވަސް ފާހަގަ ކުރީ އެ ދުވަސް ނޫން އެހެން ދުވަހެއްގައި ކަމުގައިވީ ނަމަވެސް މެ އެވެ. އުފަން ދުވަސް ނޫން އެހެން
ދުވަހެއްގައި ދޭ ހަދިޔާއެއްގައި ހިފައިފި ނަމަވެސް ވާނީ އުފަން ދުވަހުގެ މުނާސަބާ ފާހަ ކުރީ ކަމުގައެވެ. އަދި އެކަން ކުރުމުގައި އަނެކާއަށް އެ ދެވެނީ ހިތްވަރެކެވެ.

އުފަން ދުވަހުގައި ތިމާގެ އެކުވެރިޔާ ނުވަތަ އާއިލާގެ މެމްބަރެއް ދޭހަދިޔާއެއްގައި ނުހިފުމުގެ ސަބަބުން އެކުވެރިކަމަށް ނުވަތަ އާއިލީ ގުޅުމަށް ބުރޫ އަރާ ކަމުގައި ވާނަމަ، އެ ހަދިޔާގައި ހިފާށެވެ. އަދި އެއީ ދެމީހުންގެ ދެމެދުގެ ގުޅުން ދެމެހެއްޓުމަށް ކަމުގައި ބުނެ، އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވާށެވެ. އުފަން ދުވަހުގައި ލިބޭ ހަދިޔާތައް ކެއުންވެސް ވާނީ ހަމަ އުފަން ދުވަސް ފާހަގަކުރުމުގައި ބައިވެރިވުން ކަމަށެވެ.

އަޅުގަނޑުމެންގެ ދަރިންވެސް އަޅުގަނޑުމެންގެ ގާތުގައި އުފަންދުވަހުގެ ޕާޓީ ބާއްވައި ދިނުމަށް އެދި އާދޭސްކޮށްފާނެ އެވެ. ނަމަވެސް އަޅުގަނޑުމެން ޖެހޭނީ އެ ކުދިންނަށް ވިސްނައި ދޭށެވެ. އެފަދަ ކަންކަމަކީ ދީނުގައިވާ ކަންތައްތަކެއް ނޫން ކަމުގައި ލޯތްބާ އެކު ބުނެ ދޭށެވެ.

އުފަން ދުވަސް ފާހަގަ ކުރުމަކީ ހުއްދަ ނޫން ކަމެއްކަމުގައި ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި އެނގި ހާމަވާ ކަމަށް ޢިލްމުވެރިން ވިދާޅުވެ އެވެ. އެހެންކަމުން އުފަން ދުވަސް ފާހަގަކުރުމަށް ދެވޭ ދަޢުވަތުތަކުގައި ބައިވެރިވުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ.

އަދި މިކަމަކީ ޣައިރު މުސްލިމުންނާއި ވައްތަރުވެގަތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.

“مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ” (أخرجه أبو داود وأحمد)

މާނައީ “ބަޔަކާ ވައްތަރުވެގެންފި މީހަކު ވަނީ އެބައި މީހުންގެ ތެރެއިންނެވެ.”

އަބަދުވެސް ހަނދާން ކުރާށެވެ! ކޮންމެ އުފަން ދުވަހަކީ ތިބާގެ ޙަޔާތުން ވޭތުވާ އަހަރެކެވެ. ތިބާގެ މަރާއި ބައްދަލުކުރުމަށް ކައިރިވަނީ އެވެ. މިކަމާ ތިބާވީ ކޭކުފަޅާ، ޕާޓީ ބޭއްވުމަށް ފަހު އުފާކުރަންތޯ އެވެ؟

މަސްދަރު: އިލްމު.އެމްވީ