Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

މާލޭގެ އަންހެނުންގެ ހާލަތު ބެލުމުގެ މަސައްކަތް ފަށައިފި

މާލޭގެ އަންހެނުންގެ ހާލަތު ދެނެގަތުމަށް މަސައްކަތް މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މިއަދު ފަށައިފި އެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ވާހަކަދައްކަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި ސާވޭގެ މަސައްކަތުގައި ރައްޔިތުން ދެއްވާ މަޢުލޫމާތުން، އެކި ގޭބިސީތަކުގައި ދިރިއުޅޭ އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވާ ރައްޔިތުން ދެނެގަނެވޭނެ ކަމަށާއި އޭގެ ސަބަބުން އެ ފަރާތްތަކަށް އެހީތެރިވެދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ އަދި ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށެވެ.

މި ސާވޭއިން ލިބޭ މަޢުލޫމާތުގެ އަލީގައި ކައުންސިލުން ކުރިއަށް އޮތްތާގައި ހިންގަން، ރާވާ ކަންތައްތައް ތަރުތީބު ކުރުމަށް، ބޭނުން ހިފިގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ބުނީ މި މަސައްކަތުގެ މަގުސަދުތަކުގެ ތެރޭގައި އާމްދަނީ ހޯދުމަށާއި އަންހެނުންގެ ތަރައްގީ އަށް އެކިއެކި ހަރަކާތް ހިންގުމަށާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތަށް މައުލޫމާތު އެއްކުރުން ހިމެނޭ ކަމަށެވެ.

އަދި މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި މަތީ ތައުލީމު ހާސިލުކުރުމަށް ފަހު، ވަޒީފާތަކަށް ނުގޮސް ތިބޭ އަންހެނުން ދެނެގަތުމާއި އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަކީ ވެސް މީގެ މަގުސަދެއް ކަމަށް ބުނެފައިވެ އެވެ.

އަންހެނުންގެ ހާލަތު ބެލުމުގެ މަސައްކަތް މާލޭގެ 18 ދާއިރާގައި ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.