Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ރާއްޖޭގައި ފިލްމުތައް ޝޫޓުކުރަން ބޮލީވުޑަށް ދައުވަތު

ބޮލީވުޑްގެ ތަރިންނާއެކު ރައީސް މުއިއްޒު - ފޮޓޯ: މިހާރު

ބޮލީވުޑްގެ ފިލްމުތައް ޝޫޓު ކުރުމަށް ރާއްޖެ އައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ބޮލީވުޑްގެ ތަރިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ. އެ އިވެންޓްގައި ބައިވެރިވި މަޝްހޫރު ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ސޮނާކްސީ ސިންހާ ފާހަގަކޮށްލެވެ އެވެ.

މި އިވެންޓުގައި ރައީސް ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން، ފިލްމު އުފެއްދުމަށް ބޭނުން ކުރެވިދާނެ ކަމަށާއި އެހެންކަމުން ބޮލީވުޑް އިންޑަސްޓްރީއިން ރާއްޖޭގައި ފިލްމު ޝޫޓު ކުރުމަށް މަރުހަބާ ކިޔާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މި އަހަރުގެ ޓޫރިޒަމް އެރައިވަލްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 6 އާ ހަމައަށް އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދަކީ 92،270 އެވެ. އެ ގައުމުން އަންނަ ޓޫރިސްޓުން މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ ދެން އެންމެ އަވަހަށް ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 100،000 އަށް ވުރެ ގިނަ ޓޫރިސްޓުންގެ އަދަދު ހަމަކުރާނެ ގައުމަކީ ވެސް އިންޑިއާ އެވެ.

އެ ގައުމު މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ.