Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ފަލާހު ދެކޮޅު

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ލިބޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާ ދެކޮޅުކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު ވިދާޅުވީ މިއީ ރަނގަޅު އިސްލާހެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ކޮންގްރެސް ބާއްވަން ކަނޑައަޅާފައިވާ އުސޫލު ރަނގަޅު ނަމަވެސް ފައިސާ ދޭން ކަނޑައަޅާފައިވާ އުސޫލަށް ތާއިދު ނުކުރެވޭ ކަމަށެވެ.

ޤާނޫނުގައި މިހާރު އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ދެ އިސްލާހެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު އިސްލާހު ކުރުން ހިމެނޭއިރު، ކޮމިޝަނުން ނިންމާފައިވަނީ ފައިސާ ދިނުމުގައި 3،000 މެންބަރުން ހަމަވާ ހުރިހާ ޕާޓީތަކާއި، 10،000 މެންބަރުން ހަމަވާ ޕާޓީތަކާއި، މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބީއަށް ބަލައިގެން ފައިސާ ދިނުމަށެވެ.

އެގޮތުން ބަޖެޓުގެ 25 އިންސައްތަ ހާއްސަ ކުރާނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ކަމަށާއި އަނެއް 25 އިންސައްތަ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަމަށް ފުއާދު ވިދާޅުވި އެވެ. ބާކީ އޮތް 50 އިންސައްތައިން 30 އިންސައްތަ ހާއްސަކުރާނީ މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބީއަށް ކަމަށްވާއިރު އަނެއް 20 އިންސައްތަ ހާއްސަ ކުރާނީ ކައުންސިލް އިންތިހާބުގައި ހޯދާ ކާމިޔާބީއަށް ކަމަށްވެސް ވިދާޅުވި އެވެ.

މި ބަދަލުތައް ގެންނަނީ ޕާޓީތަކާއި މަޝްވަރާކުރުމަށްފަހު ފާހަގަކުރެވުނު ކަންކަމަށް ބެލުމަށްފަހު ކަމަށް ފުއާދު ވިދާޅުވި އެވެ.