Last Updated: October 18, 22:13
Friday, October 18, 2024
ދުނިޔެ

އިޒްރޭލުގެ ކޮންމެ ހިސާބަކަށް ވެސް ހަމަލާދޭން ތައްޔާރު

އިޒްރޭލުގެ ކޮންމެ ހިސާބަކަށް ވެސް ހަމަލާދޭން ތައްޔާރަށް ތިބި ކަމަށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނެފި އެވެ.

ހިޒްބުﷲ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ މިލިޓަރީ ކޮމާންޑް ސެންޓަރު މިހާރު އޮތީ ކުރިއަށް ވުރެ ވެސް ވަރުގަދަކޮށް ކަމަށާއި އިޒްރޭލުގެ ކޮންމެ ހިސާބަކަށް ވެސް ރޮކެޓް ހަމަލާތައް ފޮނުވާލެވޭނެ ވަރުގެ ގާބިލުކަން ހުރިއިރު އެކަމަށް އެ ޖަމާއަތް އޮތީ ތައްޔާރަށް ކަމަށެވެ.

އިޒްރޭލުން ލުބްނާނުގެ އެކި ހިސާބުތަކުގައި އުޅޭ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމަތަކާއެކު، އިޒްރޭލުގެ އެކި ސިޓީތައް ވެސް ނުރައްކަލަށް ހުށަހެޅޭނެކަން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފަ އެވެ.

ހިޒްބުﷲ އިން ފާއިތުވި ދުވަސްތަކުގައި ވަނީ އިޒްރޭލުގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ، ހައިފާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ.

އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުން އަންނައިރު، މި ހަމަލާތަކުގައި ގިނަ އަދަދަކަށް އާންމުން އަންނަނީ މަރުވަމުންނެވެ. އެގޮތުން މި ހަމަލާތަކުގައި މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލުބްނާނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އިޒްރޭލުން އަންނަނީ ފަލަސްތީނުގެ ގާޒާގައި ވެސް ބޮޑު ގަތުލްއާންމެއް ހިންގަމުންނެވެ. އެ ގަތުލްއާންމުގައި މިހާތަނަށް ގާޒާ އިން ވަނީ 41،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.