Last Updated: October 18, 22:13
Friday, October 18, 2024
ކުޅިވަރު

އިންގްލެންޑުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޕާމާ އަށް

އިނގިރޭސި ގައުމީ ޓީމްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޗެލްސީ އަށް ކުޅެމުން އަންނަ ކޯލް ޕާމާ އަށް ލިބިއްޖެ އެވެ.

ޕާމާ ،22، އިންގްލެންޑްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް އާއި އާސެނަލްގެ ބުކާޔޯ ސަކާއާ ވާދަކޮށެވެ.

މިދިޔަ ސީޒަނުގައި ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ޕާމާ އިންގްލެންޑްގެ ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް ޕާމާ މިހާތަނަށް 9 މެޗު ކުޅެދީފައިވާއިރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން 2-1 އިން އިންގްލެންޑް ބަލިވި މެޗުގައި އެޓީމުގެ ހަމައެކަނި ގޯލުވެސް ކާމިޔާބުކޮށްދިނީ ޕާމާ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއާ ގުޅުނު ޕާމާ ވަނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުޅެދިން 46 މެޗުގައި 25 ގޯލު ކާމިޔާބުކޮށްފަ އެވެ. އެއާއެކު އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ވެސް ލިބުނީ ޕާމާ އަށެވެ.

އިންގްލެންޑްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފާއިތުވި ދެ ސީޒަނުގައި ހޯދާފައިވަނީ ސަކާ އެވެ.