Last Updated: November 25, 20:21
Monday, November 25, 2024
މުނިފޫހިފިލުވުން

ސޯނަމްގެ ރާއްޖެ ދަތުރުން ފޮޓޯތަކެއް

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ ރާއްޖެ ދަތުރުގެ ގިނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް، ރާއްޖެ އިން ލިބުނު މެހުމާންދާރީ ފާހަގަކޮށް ފުރައިފި އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ސޯނަމަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދަރިއެކެވެ. ސޯނަމްގެ މި ފަހަރުގެ ރާއްޖެ ދަތުރުގައި ފިރިމީހާ އާނަންދު އަހޫޖާ އާއި ދަރިފުޅު ވަޔޫގެ އިތުރުން ސޯނަމްގެ ކޮއްކޮ/ޕްރޮޑިއުސަރު ރިއާ ކަޕޫރްގެ އިތުރުން އޭނަގެ ފިރިމީހާ/ޑައިރެކްޓަރު ކަރަން ބޫލާނީ ވެސް ބައިވެރިވި އެވެ.

ވަން އެންޑް އޮންލޯ ރީތި ރަށް ރިސޯޓަށް ކުރި ދަތުރުގައި ކަރަންގެ އުފަން ވެސް ފާހަގަކޮށްފައިވެ އެވެ. އޭނަ އަކީ މިދިޔަ އަހަރު ރިލީޒްކުރި "ތޭންކް ޔޫ ފޯ ކަމިން" ގެ ޑައިރެކްޓަރެވެ.

ސޯނަމްގެ މި ފަހަރުގެ ރާއްޖެ ދަތުރު އޭނަ ސިފަކުރީ ވަރަށް ހިތްގައިމު އާއިލީ ޗުއްޓީ ދަތުރެއްގެ ގޮތުގަ އެވެ. އަދި މި ދަތުރަކީ ވަރަށް ވެސް އުފާވެރި، ހިތްގައިމު ދަތުރެއްކަން ފާހަގަކޮށް، ވަން އެންޑް އޮންލީ ރީތި ރަށުން ލިބުނު ފުރިހަމަ މެހުމާންދާރީ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

ސޯނަމް އާއިލާއާ އެކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު، 2018 ގައި ކައިވެނި ކުރި ފަހުން ފިލްމީ މަސައްކަތްތަކާ ވަރަށް ބޮޑަށް ދުރުވެ އޭނަ އާންމުކޮށް ދިރިއުޅެމުން އަންނަނީ ފިރިމީހާ އާނަންދާ އެކީ ލަންޑަންގަ އެވެ. ނިއު ދިއްލީ އަށް ނިސްބަތްވާ އާނަންދަކީ ވިޔަފާވެރިއެކެވެ.

ސޯނަމްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބްލައިންޑް" އެވެ. އޭނަ ބޮލީވުޑަށް ނުކުތީ ރަންބީރް ކަޕޫރާ އެކީ ޑައިރެކްޓަރު ސަންލޭ ލީލާ ބަންސާލީގެ 2007 ގެ "ސާވަރިއާ" އިންނެވެ.