Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

"ހިންނަވަރު އަތުޖެހި" ވިއްކަނީ އުސޫލާ ޚިލާފަށް

"ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ "ބްރައިޓް ވިއު" ބްރޭންޑަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ދަފުތަރުގައި ރަޖިސްޓްނުވާ ފަރާތަކަށްވާތީ މިތަކެތި ގަތުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ ޕްރޮޑަކްޓަކީ 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުޞޫލު' ގެ ދަށުން އެއޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ. އަދި މި އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ވެސް އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އުސޫލުގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މަޢުލޫމާތު 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް "ދަފްތަރު' ގެ ނަމުގައި އެ އޮތޯރިޓީގެ 'ދިރިތި' ޕޯޓަލް https://dhirithi.egov.mv އާއި ވެބްސައިޓް https://mfda.gov.mv އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް https://health.gov.mv ގައި އަދާހަމަކޮށް ޝާއިޢު ކުރަމުންދާ ކަމަށެވެ.

އަދި އެޞޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ، އެކަން އެ އޮތޯރިޓީގެ ނަންބަރު 3014361/7603204 ފޯނަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.