Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ދިއްދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ނިމުމަކާ ގާތަށް

ހއ. ދިއްދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކޮލެޖު ބިނާކުރުމުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ކޮލެޖުގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ކޮލެޖުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފަ އެވެ. މި އިންސްޓިޓިއުޓް ހިންގުމުގެ އިދާރީ މަސައްކަތްތަށް ކުރުމަށް ތައްޔާރުވުމުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެ އެވެ. އަދި އިދާރީ ޚިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.