Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް

ރޭޕް އާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: ދަ ޕްރެސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހައިކޯޓުން މި ހުކުމްކޮށްފައިވަނީ ވ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޔޫސުފް މޫސާ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކު އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ އުފުލީ 2009 އިން އޮކްޓޫބަރު، 2021 ގެ ނިޔަލަށް އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ.

އެ ދައުވާ ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން މީގެކުރިން ހުކުމްކޮށްފައިވާއިރު، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މި މައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މި މައްސަލަ ސާބިތުކުރުމަށް ޝަރީއަތަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާތީ، އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް ބާތިލުކޮށް، އޭނާގެ މައްޗަށް މި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.

އޭނާ 15 އަހަރަށް ޖަލަށްލި ނަމަވެސް ބަންދުގައި ކުރިން ހޭދަކުރި މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 14 އަހަރުގެ ޖަލު ހުކުމެއް ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.