Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލާ އުމްރާއަށް ގެންދިޔުން މަނާ

އުމުރުން 45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލާ އުމްރާއަށް ގެންދިޔުން މަނާކޮށްފި އެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައި ބުނެފައިވަނީ އުމުރުން 45 އަހަރު ހަމަނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ ކަމަށާއި އަދި 18 އަހަރު ނުވާ ފިރިހެންކުދީން ބެލެނިވެރިޔަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ.

އަދި ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ސިއްހީ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ކުޅަދާނަ ވެގެންނުވާކަމަށް ކުންފުންޏަށް ފެންނަ ފަރާތެއް އެހީތެރިޔަކާއެކު ގެންދާގޮތަށް ނަމަވެސް އެ ފަރާތަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެކަމަށް ދިވެހި ސަރުކާރު ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމާއެކު ނޫނީ އުމްރާއަށް ގެންގޮސްގެން ނުވާނެކަމަށް އުސޫލުގައިވެ އެވެ.

މީގެއިތުރުން ދޭން ކަނޑައަޅާ ހިދުމަތްތަކާ އެކަށީގެންނުވާ އަގުތައް ޢުމްރާއަށް ދާ މީހުންގެ އަތުން ނަގައިގެން ނުވާނެ ކަމަށާއި އަދި އެއްވެސް ސަބަބަކާއި ހުރެ އުމްރާ އަށް ނުގެންދެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި އުސޫލާއި ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އިސްލާމިކް މިނިސްޓްރީ އަށް ވަނީ ދީފަ އެވެ.

މިއީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއ،ި އުމްރާވެރީންގެ ހައްގުތަށް ހިމާޔަތްކޮށް، އުމްރާއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއ،ި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ.