Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލް

ރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ބޭއްވެވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަޤުރީރުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އަކީ ޖޯގްރަފީ ގޮތުން އެއްގޮތް، ޘަޤާފީ ކަންތައްތައް ހިއްސާކުރާ، ވިޔަފާރީގެ ފަހި ވެއްޓެއް އޮތް، އަދި އިޤްތިޞާދީ ގުޅުންތައް ޤާއިމުކުރެވިފައިވާ ދެ ޤައުމު ކަމަށާއި ރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލް ކަމަށެވެ.

އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ ގެންގުޅޭ ސާބިތުކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވަނީ މި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރަށް ދިރާސާކުރުމަށް، އިންޑިއާގެ އިންވެސްޓަރުންނަށް ދަޢުވަތު ދެއްވާފަ އެވެ.

ރާއްޖޭގެ މުސްތަޤުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުންފަދަ ޑިޖިޓަލް މާލީ ޚިދުމަތްތައް ތަޢާރަފުކުރުމުގެ މައްޗަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުތައް ރައީސް ފާހަގަކުރެއްވި އެވެ.

އަދި މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އިފްތިތާޙުކޮށްގެން، ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައިއާލާކުރުންކަމަށް، އެމަނިކުފާނު ވިދާޅުވި އެވެ.

ޓެކް ކުންފުނިތަކާއި، ތަޢުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައި.ސީ.ޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއްކަން ފާހަގަކުރައްވައި، އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށް، ރައީސް ވިދާޅުވި އެވެ.