Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ރައީސަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެހެން ބައެއް މީހުންނަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40 އ) އެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އޭނާގެ ބަންދަށް 15 ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

ފުލުހުން ބުނީ މިޔާދު ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރައީސް މުއިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެހެން ބައެއް މީހުންނަށް ނިސްބަތްކޮށްވެސް މަރާލާނެ ކަމަށާއި އެ ނޫން ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދީ ހަދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން މިޔާދުގެ އެކައުންޓްތަކުން ހަޑި ހުތުރު ބަހުން އެކި ޕޯސްޓްތަކާއި އަދި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށްވެސް ޕޯސްޓްތަކެއް ކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.