ރާއްޖޭން ބޭރުގެ ގައުމުތަކުން އެހީ ހޯދާނީ ދިވެހިންނަށް ފައިދާވާނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އިސްކުރައްވާނީ ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތު ކަމަށާއި މިއަދު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނީ އެ ސިޔާސަތުގެ ދަށުން ކަމަށްވާއިރު މިކަމުގައި ރައްޔިތުންގެ ހިތުގައި ޝައްކެއް ނުބޭއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ފުރަތަމަ ދުވަހު އިއުލާންކުރި ސިޔާސަތުގެ ދަށުން ދިވެހި ގައުމަށް، ދިވެހި ރައްޔިތުންނަށް އެންމެ ފަހިވާނެ ގޮތަށް، އެންމެ ފައިދާވާނެ ގޮތަށް އެހީތެރިކަން ހޯދުމުގެ މަސައްކަތް މިކުރަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ހާރިޖީ ކަންކަން ގޮސްފައި ހުރި ގޮތަށް މި ސަރުކާރުގައި ވެސް ކަންކަން ދާނެ ކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫން ކަމަށެވެ. އެންމެ މުހިއްމީ ރާއްޖޭގެ މިނިވަންކަން ކަމަށާއި ރާއްޖޭގެ ކަންތައްތައް އެހެން ގައުމެއްގެ އަތްމައްޗަށް ދެން ދޫކޮށްނުލައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވި "ވިޝަން ޑޮކިއުމަންޓް" ގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާނެ ވާހަކަތަކެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަރަށް ދެފުށް ފެންނަކޮށް ހިންގާ ސަރުކާރެއް. ފެންނަން އޮންނަ އެއްޗެއް މި ވިޝަން ޑޮކިއުމަންޓަކީ، ބައްލަވާލައްވާ. އަޅުގަނޑު އެދެނީ ހުރިހާ ލޮބުވެތި ރައްޔިތުން ވެސް މި ކަންކަމުގައި ހަގީގަތް ބައްލަވައިގެން އަޅުގަނޑުމެންގެ މި ދެފުށް ފެންނަ ދެގޮތެއް ނުވެ އަބަދުވެސް އެންމެ ފުރަތަމަ ދުވަހު އިއުލާންކުރި ގޮތަށް މިއަދާ ހަމައަށް މި އައި ހާރިޖީ ސިޔާސަތުގައި މި ހުރި ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުމަށް،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އިންޑިއާ ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގެ މަގުސަދު ހާސިލުވެފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.