Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އިންޑިއާއެކު ގުޅުން ވަރުގަދަވުމުން ރާއްޖެއަށް ފައިދާވާނެ

އިންޑިއާއެކު ގުޅުން ވަރުގަދަކޮށް އޮތުމަކީ ރާއްޖެ އަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް އެހީތެރިކަން ހޯދުމަށް ކަމަށާއި މި ސަރަހައްދުގެ ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުވެގެން ދިޔުމުން ރާއްޖެ އަށް ވެސް ފައިދާވާނެ ކަމަށެވެ.

"ދެ ޤައުމުގެ ގުޅުން ވަރުގަދަކޮށް އޮވެ، މި ސަރަހައްދުގެ ރައްކާތެރިކަމާއި އަމާންކަން ބޭއްވިގެންދާ ގޮތަށް ކަންތައްތައް ބައްޓަންވެގެން ދިއުމަކީވެސް އަޅުގަނޑުމެންގެ ޤައުމަށް އޭގެ އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ ދިވެހީންނަށް އެންމެ މުހިންމު ކަންތައް ކަމަށާއި ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވި "ވިޝަން ޑޮކިއުމަންޓް" ގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާނެ ވާހަކަތަކެއް ނޯންނާނެ ކަމަށެވެ. އެ އެއްބަސްވުމުގައި ދިފާއީ ގޮތުން ލިޔެފައިވާ ކޮންމެ ވާހަކައަކީ އެމްއެންޑީއެފުން ބަލައި، ޑިފެންސް މިނިސްްޓްރީން ފާސްކޮށްފައިވާ ވާހަކަތަކެއް ކަމަށާއި އެ އެއްބަސްވުމުގައި ވާނީ ދިވެހީންގެ ގާބިލްކަން އިތުރުކުރުމުގެ ވާހަކަ ކަމަށްވާއިރު، ރާއްޖޭގެ ކަންތައްތައް އެހެން ގައުމެއްގެ އަތްމައްޗަށް ދެން ދޫކޮށްނުލައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގައި އެހެން ގައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން، ރިވެތި އަހުލާގުގެ ތެރެއިން، ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން އެކަމަށް އެ އޮތީ ދާއިމީ ހައްލެއް އައިސްފައި. ކުރިއަށްއޮތް ތަނުގައި ވެސް ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.