މި ސަރުކާރުން މިނިވަންކަމަށް އުނިކަމެއް އަންނާނެ ކަމެއް ނުކުރާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި ގުޅޭގޮތުން އިދިކޮޅުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަޒާން ވިދާޅުވީ އިދިކޮޅުގައި މީގެކުރިން ތިބިއިރު އެންމެ ބޮޑަށް ދެކޮޅު ހެދިކަމަކީ ރާއްޖޭގައި އެކި ނަން ނަމުގައި އިންޑިއާ ސިފައިން ޤާއިމެވެގެން ތިބި ތިބުން ކަމަށާއި ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ހުވާކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ އާއި ވާހަކަ ދައްކައިގެން ސިފައިން ފޮނުވާލާފައި ކަމަށެވެ.
އެމްޑީޕީ ވެރިކަމުގައި ޤައުމުގެ ހާރޖީ ސިޔާސަތަކަށް ވެފައި އޮތީ "އިންޑިއާ އޮންލީ" ކަމަށާއި އެއާ ހިލާފަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތެއް ކަމަށްވެސް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައި ނުވާ ކަމަށެވެ. އަދި އިންޑިއާއިން އާންމު އުސޫލުން ރާއްޖޭގެ ރައީސަކު އެ ޤައުމަށް ވަޑައިގަތުމުން, އެ މީހުން ބޭނުންވާ ބައެއްކަންކަމާ މެދު މަޝްވަރާކުރި ކަމަށާއި އެކަމަކު ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާނީ ރާއްޖެއަށް އެކަމަކުން އެންމެ ފައިދާ ބޮޑު ގޮތެއް ބަލާފައި ކަމަށްވެސް ވިދާޅުވި އެވެ.
"މިއަދު އިންޑިއާ ސިފައިންނޭ ކިޔައިގެން ވާހަކަ މިދައްކާ ބައެއް ފަރާތްތަކަކީ މީގެ ކުރިން އެއީ ރާއްޖޭގައި ނެތް ބައެއް ކަމަށް ބުނި މީހުން. އަދި އެމީހުން ތިބުމަކީވެސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރި މީހުން. ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފިނަމަ ރާއްޖެ ބަނޑަށް ޖެހިދާނެއޭ ކުރީ ސަރުކާރުގެ ވަޒީރުންނާއި, އެމްޑީޕީން ހިންގާ ނޫސްތަކުން ކުރިން ބުނެފައިވޭ. މިވާހަކަތައް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭ،" އަޒާން ވިދާޅުވި އެވެ.
އަޒާން ވަނީ މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.