މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެތީ ވައިޓް އެލާޓް ނެރެ، ބައެއް ސަރަހައްދުތަކަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެތީ ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ މ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ މެންދުރު ފަހު 1:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ގަޑިއަކު 19-24 ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އާދަޔާހިލާފަށް ވައި ގަދަވާނެތީ ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. އެގޮތުން ހެނދުނު 11:00 އާ ހަމައަށް ގަޑިއަކު 25-30 ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.
މި ހަފުތާ ފެށުނު ފަހުން މުޅި ރާއްޖެ އަށް ވެސް ވިއްސާކުރަމުން އަންނަ އިރު، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ބެހުމުގެ ސަބަބުން ފެންބޮޑުވުން ފަދަ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.