އައްޑޫގެ ޓޫރިޒަމް ބްރޭންޑް ލޯންޗްކުރަން ހާއްސަ އިވެންޓެއް ބާއްވަން ނިންމައި، އެ އިވެންޓްގެ އިންތިޒާމު ހަމަޖައްސައި ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެެ.
ކައުންސިލުން ބުނީ އިވެންޓް ބާއްވާން ތަން ހަމަޖައްސައި، އެތަން ޑެކަރޭޓްކުރުމާއި، ސްޓޭޖް ތައްޔާރުކޮށް، ސައުންޑާއި ލައިޓިން ހަމަޖެއްސުމުގެ އިތުރަށް ރިފްރެޝްމަންޓާއި ދަތުރުތައް ހަމަޖެއްސައި ދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.
އެހެންވެ މިކަމަށް ޝައުގުވެތިވާ ފަރާތްތަކަށް ވަނީ މި މަހުގެ 21 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ބީލަމުގައި ރަޖިސްޓްރީ މިއަދުން ފެށިގެން މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވ. ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް tender@adducity.gov.mv އަށް ފޮނުވައިގެންނެވެ.
ކައުންސިލުން ބުނީ މި ބީލަމާ ގުޅޭ މައުލޫމާތު ސެޝަނެއް މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ.
އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބްރޭންޑެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ އިރު، އެ ބްރޭންޑާ ގުޅޭ މަސައްކަތްތަކެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ކްރިއޭޓިވް ކްރޫ ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކައުންސިލުން ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އައްޑޫގެ ފަރާތްތަކަށް ހާއްސަކޮށްގެން "ޑެސްޓިނޭޝަން އައްޑޫ ސަމިޓް: ވަން ބްރޭންޑް ވަން ސްޓޯރީ" ގައި ވެސް އިވެންޓެއް ބާއްވައިފަ އެވެ.
އައްޑޫގެ ޓޫރިޒަމް ބްރޭންޑް ލޯންޗިން އިވެންޓް ބާއްވާނެ ސީދާ ތާރީހެއް ކައުންސިލުން އަދި އިއުލާނެއް ނުކުރެ އެވެ.