Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސް ވާނެ: މެޓް

މޫސުން ގޯސް ދުވަހެއް - ފޮޓޯ: މިހާރު

އަންނަ ހޯމަދުވަހާ ހަމައަށް މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށެވެ. ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުގައި އާއްމުވައި ގަދަވެ ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ އިއްޔެ ރޭ 23:10 ގައި ގަޑިއަކު 55 މޭލަށް ވައިގަދަވިކަމަށް ރެކޯޑްކުރެވިފައިވާ ކަމަށެވެ. އަދި މިއަދު 05:40 ގައި ހުޅުލެއަށް ގަޑިއަކު 58 މޭލަށް އަދި 10:46ގައި 61 މޭލު ބާރުމިނުގައި ވައިޖެހުނަކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ހޯމަ ދުވަހާއި ހަމައަށް އާއްމު ވައި ގަދަކޮށް ހިފަހައްޓާނެ ކަމަށާއި އެގޮތުން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 15 މޭލާ 25 މޭލާއި ދެމެދު ވައިޖެހި ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ބައެއް އަތޮޅުތަކަށް ގަދަވަޔާއި އެކު ވިއްސާރަކޮށް ގުގުރާނެކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

"ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވޭ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ. އާއްމުކޮށް އުދަ އަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވޭ." މެޓް އޮފީހުން ބުނެ އެވެ.

ގަދަވަޔާއެކު ކަނޑުތައް ގަދެވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.