Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އިންޑިއާ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެ ވަޑައިގެންފި އެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަދި އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހިގުޅުން އިތުރުކުރުމުގެ މައްޗަށެވެ.

މީގެއިތުރުން "އަ ވިޜަން ފޯ އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ގެ ނަމުގައި އެކުލަވާލި ކަރުދާހަކީ މި ދަތުރުފުޅުގެ އެންމެ މުހިއްމު އެއް ނިންމުމެވެ. ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް، މި ކަރުދާސް އެހީތެރިވެދޭނޭކަމަށް ދެ ފަރާތުންވެސް އެއްބަސްވެވަޑައިގެންފައިވެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވަރބޭލް ބަދަލުކޮށް، ބައެއް މަޝްރޫޢުތައް ވަނީ ދާދިވަރުކޮށް އިފްތިތާޙުކޮށްފަ އެވެ.

މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި، ދެ ޤައުމުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައި ވެ އެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީ އާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިޔާދަކުރަނިވި ހަކަތަ އާއި މެރިޓައިމް އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުންދިނުން ފަދަ މައުޟޫޢުތަކުގެ މައްޗަށް ދެ ފަރާތުން މަޝްވަރާކުރައްވާފައިވެ އެވެ.

އިންޑިއާއިން ރާއްޖެއަށް ދެއްވި މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުން، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އިތުރު އެހީގެ ގޮތުގައި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި ހިމެނިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ސިޓީތަކުގައިވެސް މުހިންމު ގިނަ ހަރަކާތްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދެވި އެވެ.