Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ރާއްޖެ-އިންޑިއާ ގުޅުމުގައި ފޮރުވާނެ އެއްވެސް ކަމެއް ނެތް

ރާއްޖެ އާއި އިންޑިއާގެ ގުޅުމުގައި ފޮރުވާނެ އެއްވެސް ކަމެއް ނެތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހަލީލު ވިދާޅުވީ ރާއްޖެއާ އިންޑިއާ ގުޅުމުގެ ތެރޭގައި ފޮރުވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތްކޮށް އަބަދުވެސް މަސައްކަތްކުރާ ގައުމެއް ކަމަށެވެ.

އެގޮތުން ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގައުމަކީ އިންޑިއާ ކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައި އެންމެ ކުރިޔަށް ނިކުންނަކީ އިންޑިއާ ކަމަށްވާއިރު އެއީ ބަދަލުކުރެވޭނެ ހަގީގަތެއް ނޫން ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ ރައީސް މުއިއްޒު ކަންކަން ކުރައްވަނީ ރާއްޖެ އެންމެ ކުރިޔަށް ނެރުއްވައިގެން ކަމަށާއި ބޭރު ގައުމުތަކާއެކު މަސައްކަތްޕުޅު ކުރައްވަނީ ވެސް އެގޮތުގެ މަތީން ކަމަށެވެ. އިންޑިއާ ދަތުރުފުޅު މިހާ ކާމިޔާބުވުމުގެ އަސްލަކީ ވެސް އެއީ ކަމަށް ހަލީލު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއެކު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށް، ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ރައީސް އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.