Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރަން އަދިވެސް ނުފެށޭ

ރާއްޖެއިން މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރަން އަދިވެސް ނުފަށާތީ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވޯލްޑް ބޭންކުން މިއަދު އާންމު ކުރި 'މޯލްޑިވްސް ޑިވެލޮޕްމެންޓު އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް' ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެ އަށް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ހައްލު ކުރުމަށް އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސް ކުރަންޖެހޭ ކަމަށާއި މި އަހަރުގެ ފެބްރުއަރީ މަހު މާލީ އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް އެ ފިޔަވަޅުތައް ތަންފީޒު ކުރަން އަދިވެސް ނުފެށޭ ކަމަށެވެ.

ރާއްޖޭގެ ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 116.5 އިންސައްތައިގައި ކަމަށްވާއިރު، ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި ވެސް ހުރީ 65 މިލިއަން ޑޮލަރު ކަމަށާއި އެއީ ދަރަނި އަދާކުރަން އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ.

މީގެއިތުރުން މި ރިޕޯޓުގައި ވަނީ ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ވީހާވެސް އަވަހަކަށް ބަދަލުވުމާއި ޓެކްސް ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް ގެނައުން އަވަސް ކުރަން ވެސް ގޮވާލާފަ އެވެ. އަދި އިންވެސްޓަރުންގެ އިތުބާރު އުފައްދަން އިސްލާހީ އަވަސް ފިޔަވަޅުތަކެއް ރާއްޖެއިން އަޅަންޖެހޭކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިން އާއި މޫޑީސް އިން ދާދިފަހުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކާ އެކު ރޭޓިން ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ.