Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ޓީޗަރުންނަށް ނަފުސާނީ އެހީގެ ހެލްޕްލައިނެއް

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ދިމާކޮށް، ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިން 1484، މުދައްރިސުންނަށް ވެސް ބޭނުންކުރެވޭނެ ގޮތް ހަދައިފި އެވެ.

މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި މި ހެލްޕްލައިން އިފުތިތާހުކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެވެ.

މި ހެލްޕްލައިން ގާއިމުކޮށްފައިވަނީ ޔުނިސެފާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާ އެކުގަ އެވެ.

މިނިސްޓްރީން ބުނީ މި ހެލްޕްލައިންގެ މަޤްޞަދަކީ، ދަރިވަރުންނާއި މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.

މި ނިޒާމްގެ ތެރެއިން، ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފްސާނީ ހާސްކަމަކުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމާއި ދަރިވަރުންނަށް އާރލީ އިންޓަވެންޝަންދިނުމާއި، ސްކޫލް ކައުންސިލިންގ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީޢު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއިން ކުރާ ގިނަ މަސައްކަތްތަކުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުންކަމަށާއި، އެހެންކަމުން މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ މިނިސްޓްރީއިން އިސްކަންދޭ ކަމެއްކަމަށެވެ. އަދި މި މި ހެލްޕްލައިން މެދުވެރިކޮށް، މުދައްރިސުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.

މި ހެލްޕްލައިންގެ ޚިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 15:00 އިން ފެށިގެން 21:00 އާ ހަމައަށެވެ. މި ހެލްޕްލައިން މެދުވެރިކޮށް ދަރިވަރުންނާއި މުދައްރިސުންނަށްވެސް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ކޮށްފައިވާ ސްކޫލްތަކުގައި ކައުންސެލަރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.