Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އޮޕަރޭޝަން ފޭކް ސްލިޕުގެ ނަމުގައި ހަރަކާތެއް ފަށައިފި

ސައްހަ ނޫން، ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޚިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް "އޮޕަރޭޝަން ފޭކް ސްލިޕް" ގެ ނަމުގައި ފުލުހުން ހަރަކާތެއް ފަށައިފި އެވެ.

ފުލުހުން ބުނީ މި ހަރަކާތަކީ އެންޓި-ސްކޭމް ސެންޓަރުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އެގޮތުން މި މަސް ހާއްސަކޮށްފައިވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރިކުރުވުމަށް ކަމަށްވާއިރު އަދި މަސް ނިމޭއިރު، މާލެ އޭރިއާގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމަށް ހަަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހަރަކާތުގައި، ޚިދުމަތް ހޯދުމަށްފަހު ސައްހަ ނޫން، ބެންކު ޓްރާންސްފަރ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއި ބެންކު ޓްރާންސްފަރ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތުދޭނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި ސައްހަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފަރ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން، ޚިދުމަތް ހޯދައި ނުވަތަ މުދާ ވިއްކައި، ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ދެއްކިކަން ޔަގީންކުރުމަށް ބެންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް ނުވަތަ އީމެއިލް ބޭނުންކުރޭތޯ ބެލުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާނެ އެވެ.

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސައްހަނޫން ނުވަތަ ލަސްވާ، ބެންކް ޓްރާންސްފާތަކާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ އިތުރުން، މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ދިމާވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރާނެެގޮތާއި މިފަދަ ކަމެއް ދިމާވެއްޖެނަމަ މީހާގެ ސިފަތައް ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތުދޭނެ ކަމަށް ފުލުހުން ބުނެ އެވެ.