Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

މިދިޔަ މަހު މީރާއަށް ދެ ބިލިއަން ރުފިޔާ ބަލައިގެންފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.30 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 93.1 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ސެޕްޓެމްބަރު މަހުގެ އާމްދަނީ އިތުރުވެފައި ވަނީ، ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުން ކަމަށް މީރާ އިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. އެއީ އެއީ 44.5 އިންސައްތަ ނުވަތަ 1.02 ބިލިއަން ރުފިޔާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 360.78 މިލިއަން ރުފިޔާ އެވެ. އަދި ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 229.95 މިލިއަން ރުފިޔާ، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.78 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 409.95 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 102.05 މިލިއަން ޑޮލަރު ހިމެނެ އެވެ.