(ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ކީރިތި ޤުރުއާން ބައިބަޔަށް ބާވައިލެއްވުމުގެ ޙިކްމަތް
ކީރިތި ޤުރުއާން ނަބިއްޔާ މުޙައްމަދު ﷺ ގެމައްޗަށް ބާވައިލެއްވުނީ ތޭވީސް އަހަރުގެ މުއްދަތުގެ ތެރޭގައި ބައިބަޔަށް ވަކިވަކިންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ:
﴿وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيلًا﴾ سورة الإسراء: 106
މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެޤުރުއާން ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެޤުރުއާން އެކިފަހަރުމަތިން ބާވައިލެއްވީމެވެ."
މިފަދައިން ބައިބަޔަށް ކީރިތި ޤުރުއާން ބާވައިލެއްވުމުގެ ޙިކްމަތަކީ:
* ނަބިއްޔާ ﷺ ގެ ހިތްޕުޅަށް ޘާބިތުކަން ދެއްވުން
ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ:
﴿وَقَالَ الَّذِينَ كَفَرُوا لَوْلا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلاً﴾ الفرقان: 32
މާނައީ: "ކާފިރުވި މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ ޤުރުއާން ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަންރަސްކަލާނގެ ޤުރުއާން ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަންރަސްކަލާނގެ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެޤުރުއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ."
ކީރިތި ޤުރުއާން އެކިފަހަރުމަތިން އެކި ޙާދިޘާތަކާއި ވިދިގެން ބާއްވައިލެއްވުމުން ﷲ ތަޢާލާ، ނަބިއްޔާ ﷺ ގެ ޙާލަތު ބައްލަވާ ވޮޑިގެންވާކަމާއި ދެނެވޮޑިގެންވާކަމުގެ އިޙްސާސު ކުރެވިގެންދާނެއެވެ. އަދި އެފަދައިން އާޔަތްތަކެއް ނުވަތަ ސޫރަތްތަކެއް ބާވައިލެއްވޭ ކޮންމެ ފަހަރެއްގައި ޖިބްރީލްގެފާނާއި ބައްދަލުވެ ވަޑައިގަންނަވާނެ އެވެ.
މީގެ ސަބަބުން އެކަލޭގެފާނުގެ ދަޢުވަތުގައި މައްކާގެ މުޝްރިކުންގެ ފަރާތުން ކުރިމަތިވާ އަނިޔާތަކާއި ފުރައްސާރައިގެ ސަބަބުން ހިތްޕުޅަށް ލިބިވަޑައިގަންނަވާ ހިތާމަތަކާއި ހިތްދަތިކަމަށް ތަސައްލީއެއް ލިބިވަޑައިގަންނަވާނެއެވެ. އެފަދަ ވަގުތުތަކުގައި ﷲ ތަޢާލާ އިސްވެދިޔަ ނަބިއްޔުންނަށް އެބޭކަލުންގެ ދަޢުވަތުގައި ކުރިމަތިވި ހުރަސްތަކުގެ ވާހަކައިގެ އާޔަތްތައް ބާވައިލެއްވުމުން އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ލިބިގެންދާނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَكُلّاً نَقُصُّ عَلَيْكَ مِنْ أَنْبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ﴾ سورة هود:120
މާނައީ: " އަދި ރަސޫލުންގެ ޚަބަރުތަކުގެ ތެރެއިން މިއެންމެހައި ޚަބަރުތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ."
ކީރިތި ޤުރުއާން އެކި ވަގުތު ތަކުގައި، އެކި ޙާދިޘާތަކާއި ގުޅިގެން ބާވައިލެއްވުމުން، އެކަލޭގެފާނު ވަނީ ޙައްޤުގެ މަތީގައިކަމާއި، ﷲ ތަޢާލާ އެކަލޭގެފާނަށް އެހީތެރިކަމާއި، ރައްކާތެރިކަމާއި، ނަޞްރާއި މަދަދު ދެއްވާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާނެއެވެ. އެފަދަ ވަގުތެއްގައި ﷲ ތަޢާލާ ބާވައިލެއްވި އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ: ﴿وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا﴾ سورة الطور:48
މާނައީ: " ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙުކުމްފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ: ﴿وَاللَّهُ يَعْصِمُكَ مِنَ النَّاسِ﴾ سورة المائدة:67
މާނައީ: " އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ."
މިފަދަ އެކިއެކި އާޔަތްތައް އެކިފަހަރު މަތިން ބާވައިލެއްވުނީމާ އިސްލާމްދީނުގެ ދަޢުވަތުގައި ކުރިޔަށް ވަޑައިގަތުމުގެ ހިތްވަރާއި ޢަޒުމު އާވެގެންދާނެއެވެ. އެހެނިހެން ރަސޫލު ބޭކަލުންގެ ސީރަތުން ހިތްވަރުލިބި ދަޢުވަތުގައި ކުރިޔަށް ވަޑައިގަތުމުގެ ޖޯޝު އާލާވެގެން ދާނެ އެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތައް ދަސްކުރެއްވުމާއި، އާޔަތްތަކުގައިވާ ޙުކުމްތަކާއި ޙިކްމަތްތައް މަޢުރިފާވެ ފަހުމުވުން ފަސޭހަވެގެންދިއުން.
އިސްލާމްދީނުގެ އެންމެހައި ޙުކުމްތަކާއި، ޤަވާޢިދުތަކާއި، އުޞޫލުތައް އެކީއެކަށް އެއްފަހަރާ ބާވައިލެއްވުނުނަމަ، އެކަންކަން އުނގެނި ފަހުމުވެ ދަސްކުރުން ވެގެންދާނީ ދަތިކަމަކަށެވެ. އޭގެ ބަދަލުގައި އެކިފަހަރު މަތިން އެއްކަމަކަށްފަހު އަނެއްކަމެއްގެ ޙުކުމް ބާވައިލެއްވުމުން އުނގެނި ފަހުމްވެ ދަސްކުރުން ފަސޭހަވެގެންދާނެއެވެ. އަދި އެމަޢުލޫމާތުތައް ހަނދާނުގައި ހުންނަ މިންވަރުވެސް ވަރުގަދަވެގެން ދާނެ އެވެ.
* ބާތިލު ޢަޤީދާތަކާއި، ޚުރާފީ އަޅުކަންތަކާއި، ބަދުއަޚްލާޤީ ޢަމަލުތަކުން އެއްކިބާވުން ފަސޭހަވެގެން ދިއުން
މައްކާގެ މުޝްރިކުން އެތައް ޒަމާންތަކެއްވަންދެން އާދަވެފައި ތިބި، އެބައިމީހުންގެ ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައި ބާތިލު ވަޘަނީ ޢަޤީދާތަކާއި ޚުރާފީ އަޅުކަންތަކަކީ، އެބައިމީހުންގެ ކަށީގައި ހިފާފައިވާ ކަންކަމެވެ. ހަމައެފަދައިން ރާބުއިމާއި، ޒިނޭކުރުންފަދަ ކަންކަމީވެސް އެބައިމީހުންގެ އާދަވެފައިހުރި ކަންކަމެވެ. އެއްފަހަރާ މިހުރިހައި ކަމަކުން އެއްކިބާވުން ވާނީ ދަތިކަމަކަށެވެ. އެހެންކަމުން ކީރިތި ޤުރުއާން ބާވައިލެއްވުނު ހިނދު މިނުކުތާއަށް ރިޢާޔަތްކުރެވި، އެންމެ ފުރަތަމަ ބާވައިލެއްވުނީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމާއި، ޝިރުކުން އެއްކިބާވުމުގެ މުހިންމުކަމާއި ގުޅުންހުރި އާޔަތްތަކެވެ. ދެން އޭގެ ފަހުގައި ޢަޤީދާ ހަރުދަނާވުމުން އަޅުކަންތަކާއި ގުޅުންހުރި އާޔަތްތައް ބާވައިލެއްވުނެވެ. ދެން އޭގެ ފަހުގައި މަކާރިމުލް އަޚްލާޤާއި ރީތި އާދަތަކާއި ގުޅުންހުރި އާޔަތްތައް ބާވައިލެއްވުނެވެ. މިއުސްލޫބުން ބަލާއިރު ރަލަކީ މުޝްރިކުންގެ ހަށިތަކުގައި ލޭދައުރުވާހެން ދައުރުވަމުން ދިޔަ އެއްޗެކެވެ. އެފަދަ އެއްޗަކާއި ކުއްލިއަކަށް ދުރުވުން ވެގެންދާނީ ގިނަބަޔަކަށް މުސްތަޙީލުކަމަކަށެވެ. އެހެންކަމުން ރާ ޙަރާމްވެގެން ދިޔައީ އެކި ފަހަރުމަތިން އާޔަތްތައް ބާވައިލެއްވި، އެކި މަރުޙަލާތައް ކަޑައްތުކުރުމަށްފަހުގައެވެ. އޭގެ ސަބަބުން ރަލާއި ދުރުވުން ފަސޭހަވެގެންދިޔައެވެ.
* މުއުމިނުންގެ ހިތްތަކަށް ޘާބިތުކަން ލިއްބައި ދިނުން
ސިޔަރަތުގެ ފޮތްތަކުން އަޅުގަނޑުމެންނަށް އެނގޭފަދައިން، ނަބިއްޔާ ﷺ ގެ ދަޢުވަތަށް އިޖާބަދީ އިސްލާމްދީން ޤަބޫލުކުރި މުސްލިމުންނަށް، މައްކާގެ މުޝްރިކުން ގިނަގުނަ އަނިޔާތަކެއް ދިނެވެ. އެފަދަ ވަގުތުތަކުގައި އިހުގެ ރަސޫލުންނާއި ނަބިއްޔުންނާއި، އިހުގެ ޞާލިޙުންގެ ޚަބަރުތަކުގެ އާޔަތްތައް ބާވައިލެއްވި އަޑުއިވުމުން، މުޝްރިކުންގެ އަނިޔާތަކަށް ކެތްތެރިވުން މުއުމިނުންނަށް ފަސޭހަވެގެންދާނެއެވެ. އަދި މުއުމިނުންނަށް ދެއްވުމަށް ﷲ ތަޢާލާ ވަޢުދުކުރައްވާފައިވާ ނިޢުމަތްތަކުގެ ވާހަކަތައް އެކިފަހަރު ބާވައިލެއްވޭ އާޔަތްތަކުން ހަނދާންކޮށްދެވުމުން އެނިޢުމަތްތައް ހޯދުމުގެ ޢަޒުމު ވަރުގަދަވެގެންދާނެ އެވެ. މިބީދައިން އެކިފަހަރުމަތިން އާޔަތްތައް ބާވައިލެއްވުނީމާ މުއުމިނުންގެ ހިތްތަކަށް ފިނިކަމާއި ޘާބިތުކަން ލިބިގެންދާނެ އެވެ.
ދިމާވާ އެކިއެކި ޙާދިޘާތަކާއި، ނަބިއްޔާ ﷺ އަށް މައްކާގެ މުޝްރިކުންގެ ފަރާތުން ކުރިމަތިވާ ސުވާލުތަކާއި ގުޅިގެން އެކަމާއި ގުޅޭ ޙުކުމްތައް ވަގުތުން ބާވައިލެއްވިގެން ދިއުން.
މިގޮތުން ބަލާއިރު ރޫޙާއި ބެހޭގޮތުންނާއި، ޤިޔާމަތްވާނެ ވަގުތާއި ބެހޭގޮތުން ނަބިއްޔާ ﷺ އާއި ސުވާލުކުރެވުނެވެ. އަދި އިފްކުގެ ޙާދިޘާއާއި، ޠިހާރުގެ ޙާދިޘާވެސް ހިނގައި ދިޔައެވެ. އަދި މުނާފިޤުންވެސް ފާޅުވެގެންދިޔައެވެ. މިފަދަ ސުވާލުތަކާއި ޙާދިޘާތައް ހިނގާހިނދު، އޭގެ ޖަވާބާއި، މައްސަލައިގެ ޙައްލު ވަގުތުން ލިބިގެންދިއުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އެހެންކަމުން ކީރިތި ޤުރުއާން ބާވައިލެއްވުމުގައި މިފަދައިން ކުރިމަތިވާ ސުވާލުތަކާއި، ދިމާވާ ޙާދިޘާތަކާއި ގުޅިގެން ވަގުތުން އެކަމާއި ގުޅުންހުރި އިރުޝާދުތަކާއި ޙުކުމްތައް ބާވައިލެއްވިގެންދިޔައެވެ.
* ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅުކަން ބަޔާންކޮށް ދިނުން
ކީރިތި ޤުރުއާން ނަބިއްޔާ ﷺ ގެ މައްޗަށް ބާވައިލެއްވުނީ ވިހި ވަރަކަށް އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައެވެ. އިންސާނަކު ފޮތެއް އެކުލަވާލާނަމަ މިއީ ވަރަށް ދިގު މުއްދަތެކެވެ. މިހާ ދިގުމުއްދަތެއްގެ ތެރޭގައި ފޮތެއް އެކުލަވާލާނަމަ، އޭގައި އުސްލޫބުގެ ތަފާތުތަކެއް ހުންނާނެއެވެ. ގުޅިލާމެހުގެ މައްސަލަތަކެއް ފާހަނގަވާނެއެވެ. މަޢުލޫމާތުގެ ކުށްތަކާއި، ފުށޫއެރުންތަކެއް ހުންނާނެ އެވެ.
ނަމަވެސް ކީރިތި ޤުރުއާނަށް ބަލާއިރުގައި މިހާ ދިގު މުއްދަތެއްގެ ތެރޭގައި އެކިފަހަރުމަތިން ބައިބަޔަށް ބާވައިލެއްވުނު ކަމުގައިވިޔަސް ފާތިޙާ ސޫރަތުން ފެށިގެން ނާސް ސޫރަތުގެ ނިޔަލަށް އުސްލޫބަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ގުޅިލާމެހުމާއި ގަތައިލުމަކަށް އުނިކަމެއް އައިސްފައެއް ނުވެއެވެ. މަޢުލޫމާތުގެ ކުށްތަކާއި ފުށޫއެރުން ތަކެއްވެސް ނުވެއެވެ. މިކަންކަމުން އަންގައިދެނީ މިފޮތަކީ މުޙައްމަދުގެފާނު އަމިއްލަފުޅަށް އެކުލަވައިލެއްވި ފޮތެއް ނޫންކަމެވެ. އެއީ ހަތް އުޑުމަތިން ބާވައިލެއްވުނު ﷲ ތަޢާލާގެ ބަސްފުޅުކަމެވެ. (ނުނިމޭ)
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.