Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

އީސީން ގެންނަން ހުށަހަޅާ އިސްލާހުތައް އޭޖީ އޮފީހަށް

ސިޔާސީ ޕާޓީގެ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެންނަން ފެންނަ އިޞްލާޙުތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިޞްލާޙުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިޞްލާޙުތަކެއް ކަމަށެވެ.

އިޞްލާޙުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދަޢުވަތުދީގެން މިދިޔަ އަންގާރަ ދުވަހު އިތުރު ބައްދަލުވުމެއް ބޭއްވި ކަމަށް އީސީން ބުނެ އެވެ.

މި ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވެފައިވެ އެވެ.

އީސީން ބުނީ މި ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަން ހުށަހަޅާ އިޞްލާޙުތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުޞަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.