Last Updated: October 18, 22:13
Friday, October 18, 2024
ޚަބަރު

ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންފި

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) މި އަހަރު ބ. ކަމަދޫގެ ބޮޑު އީދުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އައިމިނަތު ޒާރާ އާއި މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.

ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ސިޔާމްގެ ކ. އޮޅުވެލި ރިސޯޓްގަ އެވެ. މި ހަފުލާގައި ޒާރާގެ އާއިލާގެ މެމްބަރުން ވެސް ބައިވެރިވި އެވެ.

ޒާރާއާ ސިޔާމު މިއަދު ކައިވެނި ބައްލަވައިގެންފައިވާއިރު، ޒާރާގެ އުފަން ރަށް، ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ބޭސް ފަރުވާގެ ހިދުމަތް ސިޔާމު ދެއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. މިކަން ދާދިފަހުން އެ ރަށު ކައުންސިލުން ވެސް އިއުލާންކޮށްފައިވެ އެވެ.

ރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރެވެ. އަދި އޭނަ އަކީ މިހާރުގެ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރެވެ.

ޒާރާ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ބޮޑު އީދު ތެރޭގައި ކަމަދޫގައި ބޭއްވި ނެށުމުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން އޭނަގެ ރީތިކަމުގެ ޖާދޫގައި އެތައް ބަޔަކު ޖެހުނު ވާހަކަ އެކިއެކި މީޑިއާތުކުން ގެނެސްދީފައިވެ އެވެ.